ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޝަހުދީގެ އެހީތެރިކަމާއެކު އަންނަ ހަފްތާ އެރަށު ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
އަންނަ ހަފްތާ ތެރޭގައި ހަނިމާދޫއިން ޕޮލިސް ރިޕޯޓް ދޫކުރަން ފެށުމަށްޓަކާ މެންބަރު ޝަހުދީ އެރަށު ޕޮލިސް ސްޓޭޝަނަށް މިއަދު ވަނީ ޕްރިންޓަރެއް ހަދިޔާކުރައްވާފަ އެވެ.
ޕްރިންޓަރު ހަދިޔާކުރުމަށް މިއަދު މެންދުރު ފަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ހަފްލާއެއްގައި ޕްރިންޓަރާ ހަވާލުވެލެއްވީ ހދ. އަތޮޅު ކޮމާންޑަރ ޗީފް ސްޓޭޝަން އަހުމަދު ނަސީމެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން މެންބަރު ޝަހުދީ ވިދާޅުވީ ޕްރިންޓަރު ހަދިޔާކުރެއްވުނީ ކޮމާންޑަރު ނަސީމްގެ އިސްނެންގެވުމާއެކު ކަމަށެވެ.
” މިކަންތައް ވެގެން މިދިޔައީ [ ޕްރިންޓަރެއް ހަދިޔާކުރެއްވުނީ] ކޮމާންޑަރުގެ އިސްނެންގެވުމާ އެކު. މިފުރުސަތު އޮތްކަމަށް ވަންޏާ މިކޮޅުން [ހަނިމާދޫއިން ޕޮލިސް ރިޕޯޓް] ދޫކުރެވޭނެކަން އަޅުގަނޑަށް އަންގައިވައިދެއްވީ މިކޮޅުން. އުފާކުރަން މިފަދަ ފުރުސަތެއް ދެއްވީތީ” މެންބަރު ޝަހުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނިމާދޫއަކީ ދަތުރުފަތުރުގެ ދޮރާއްޓަކަށްވުމުން ރަށުން ޕޮލިސް ރިޕޯޓް ދޫކުރަން ފެށުމުން ހަނިމާދޫގެ ރައްޔިތުންނަށާއި ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
ހދ އަތޮޅު ކޮމާންޑަރ ޕޮލިސް ސްޓޭޝަން އަހުމަދު ނަސީމު ވާހަކަ ދައްކަވަނީ–ފޮޓޯ:ވާހިދު
އަހުމަދު ނަސީމް ވިދާޅުވީ މަގާމާ ހަވާލުވެލެއްވުމަށްފަހު މި އަތޮޅުގައި އިންނަ ހަތަރު ޕޮލިސް ސްޓޭޝަނުގެ ހިދުމަތް ފުޅާކޮށް ރަނގަޅު ހިދުމަތް ދެވޭނެ ގޮތްތައް ބަލާފައިވާ ކަމަށެވެ. އެގޮތުން ޕޮލިސް ރިޕޯޓް ރަށުގައި ތިބެގެން ލިބޭނެގޮތް ވެގެން ދިއުމަކީ ހދ އަތޮޅުގެ ރައްޔިތުންނަށް މުހިއްމު ހިދުމަތެއް ކަމަށެވެ.
” ދެން ހަމައެކަނި މިހިދުމަތް [ހދ] މިލިބެނީ ކުޅުދުއްފުށިން އެކަނި، ދެން މިހެންކަމުން އަޅުގަނޑު ވިސްނީ އެކި ގޮތްގޮތުން އެހީ ހޯދައިގެން ނަމަވެސް ހދ އަތޮޅުގައި އިން 4 ޕޮލިސްސް ޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރެވޭނެ ހިދުމަތެއް ހޯދަން. އެގޮތުން ކުރި މަސައްކަތުން ހަނިމާދޫ ދާއިރާގެ މެންބަރު އަޅުގަނޑާ މަޝްވަރާކުރެއްވި ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ޕޮލިސް ރިޕޯޓް ދޫކުރަން ކުރެވެން ހުރީ ކޮންކަންތައް ތަކެއްތޯ މަޝްވަރާކުރި ކުރުމުގައި ދެކެވިގެން ދިޔައީ ޕޮލިސް ރިޕޯޓް ދޫކުރުމަށް މިވަގުތު އޮތް ހުރަހަކީ ޕްރިންޓަރެއްނެތުން ކަމަށް މެންބަރު ގާތުން ވިދާޅުވިން” ކޮމާންޑަރު ނަސީމް ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ މި ޖަނަވަރީ މަހު 15 ގެ ކުރިން ޕޮލިސް ރިޕޯޓް ހަނިމާދޫއިން ދޫކުރަން ފެށިގެންދާނެ ކަމަށެވެ.