ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމާ ބެހޭގޮތުން ރައީސް ޔާމީން ދައްކަވަނީ ބަހަނާއެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށާއި ކުޅުދުއްފުށީ އެއާޕޯޓާ ދޭތެރޭ އުންމީދީ ތަސައްވަރެއް ނެތް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް ޔާމިންގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު އެއް އަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ވިދާޅުވި އެއާޕޯޓްގެ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
“އެއާޕޯޓް އެޅުމަށް ސާވޭ ޓީމެއް، ހައުސިންގ މިނިސްޓްރީގެ ޓީމެއް މިކޮޅަށް ވަޑައިގަތްކަން އެގުނު. އެހެންނަމަވެސް ސާވޭއާ ބެހޭ ސާފު މައުލޫމާތެއް ކައުންސިލަށް އަންގާފައެއް ނުވޭ” ކައުންސިލް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ކުޅުދުއްފުއްޓަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް ކައުންސިލުގެ އެއްބާރުލުން ދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގަތުމުން ކައުންސިލުން އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާނޭ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
“ކައުންސިލްގެ އެއްބާރުލުމަށް އެދި ވަޑައިގަތުމުން އަޅުގަނޑުމެން ވާނެ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ ކައުންސިލުން ވެދެވެން ހުރި އެހީއެއް ވެދެއްވާނަން ކަމަށް ބުނެ. އެހެންނަމަވެސް އަދިވެސް އެސިޓީގެ ޖަވާބެއް ވެސް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް” އަލީ މުހައްމަދު ވިދާޅުވި އެވެ.
އޭގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ސަރުކާރުން ކުޅުދުއްފުށީ އެއާޕޯޓުގެ އެޅުމާ ދޭތެރޭ ގެންގުޅޭ ސިޔާސަތު ސާފުވެފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުއްޓަކީ ޕީޕީއެމްގެ ސަރުކާރެއްގައި އުތުރުގެ ސަރަހައްދީ ތަރައްގީގެ ނާރެހަކަށް ހައްދަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ސަރުކާރުގެ ފުރަތަމަ 24 މަސް ދުވަސް ފާއިތުވާއިރު ޑޮމެސްޓިކް އެއާޕޯޓެއް ކުޅުދުއްފުށީގައި އޮންނާނެ ކަމަށް ޔާމީން ވައުދުވެ ވަޑައިގެންނެވި އެވެ.
ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުޅުދުއްފުއްޓަށް ކުރެއްވި ހަމައެކަނި ދަތުރުފުޅުގައި ވެސް ކުޅުދުއްފުށީގައި އެއާޕޯޓް އެޅޭނެ ކަމަށާއި އުތުރުގެ ނާރެހަކަށް ކުޅުދުއްފުށި ބަދަލުވެގެންދާއިރު ކުޅުދުއްފުއްޓަށް އެއާޕޯޓެއް ކޮންމެހެން ބޭނުންވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީގެ އެއާޕޯޓާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރިއިރު ކުޅުދުއްފުށީ ކައުންސިލަށް އެއާޕޯޓާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ސަރުކާރުގެ ފަރާތުން ހިއްސާކޮށްފައިނުވާކަމަށް އެ ކައުންސިލުން ބުނެއެވެ.
އެއާޕޯޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހަމަވެފައިވާއިރު ބިޑް ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.