އަންނަ އާދިއްތަ ދުވަހު ދިރާސީ އައު އަހަރަށް ސްކޫލުތައް ހުޅުވޭއިރު ހދ އަތޮޅުގެ ގިނަ ސްކޫލުތަކަށް ޓީޗަރުން އަދި ހަމަނުވާ ކަމަށާއި އަދި ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ހދ އަތޮޅު ކައުންސިލުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު އަހުމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަތޮޅު ކައުންސިލުގެ ތައުލީމީ ދާއިރާއާ ހަވާލުވެހުންނެވި ކައުންސިލަރ އަހުމަދު އިބްރާހިމް “ކުޅުދުއްފުށި އޮންލައިނާ” ވާހަކަ ދައްކަވަމުން ވިދާޅުވީ ހދ. ފިނޭ އާއި ހިރިމަރަދޫ ފަދަ ރަށްތަކަށް ޓީޗަރުން އަދިވެސް ހަމަޖެހިފަނުވާ ކަމަށާއި އޭގެ ސަބަބުން ސްކޫލުތަކަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ އަތޮޅުގެ 5 ވަރަކަށް ރަށުން ޓީޗަރު އަދި ހަމަނުވާ ކަމަށެވެ. އޭގެ ތެރެއިން ގުރުއާން މުދައްރިސުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުންގެ ހަމަ ނުވާ މައްސަލައިގެ އިތުރުން އަތޮޅުގެ ގިނަ ސްކޫލުތަކެއްގައި ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ނޮޅިވަރަމް، ކުރިނބީ އަދި ނެއްލައިދޫ ފަދަ ރަށްތައް އަހުމަދު ފާހަގަކުރެއްވި އެވެ.
ހދ އަތޮޅު ކައުންސިލް ނޮޅިވަރަމް ދާއިރާގެ މެންބަރު އަހުމަދު އިބުރާހިމް–ފޮޓޯ:ވާހިދު
“ޖާގައިގެ ދަތިކަން ދިމާވީ ކުރިންސުރެ ބިންގާ އަޅާފައި ހުރި އިމާރާތްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން. މިސާލަކަށް ނާވައިދޫ، ކުރިނބީ ސްކޫލުތަކުގައި ކުލާސް ބަރިތަކުގައި ބިންގާ އަޅާފައި ހުންނަތާ 2 އަހަރު 3 އަހަރު ވެއްޖެ ” ކައުންސިލަރު ވިދާޅުވި އެވެ.
ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު އިތުރަށް ވިދާޅުވީ ނޮޅިވަރަމް ސްކޫލުގައި ޖާގައިގެ ދަތިކަން ބޮޑުއިރު ސްކޫލް ހޯލްގައި ޕާޓްޝަން ޖަހައިގެން ބޭނުން ކުރަން ބަލާއިރު އެވަރަކަށް ޑެސްކާއި ގޮޑި ސްކޫލުގައި ނެތް ކަމަށެވެ.
ހދ އަތޮޅުގެ ގިނަ ސްކޫލުތަކެއްގައި ސްޓާފް ރޫމްގެ ދަތިތައް ހުރިއިރު ބައެއް ސްކޫލުތަކުގައި ޓީޗަރުންނަން ހާއްސަ ފާހާނާއެއް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.
ހދ އަތޮޅުގެ ސްކޫލުތަކުގައި ބިދޭސީ ޕްރިންސިޕަލުން ގިނަކަމަށާއި އެގޮތުން 7 ވަރަކަށް ސްކޫލްގައި ބިދޭސީ ޕްރިންސިޕަލުން ތިބިކަން ފާހަގަކޮށް އަހުމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ބިދޭސީ ޕްރިންސިޕަލުން ތިބުމުން ދިމާވާ ވަކި މައްސަލައެއް ކައުންސިލަރު ފާހަގަ ކޮށްފައެއް ނުވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ ސްކޫލްތަކަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ރޭ ދިޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.