ކުޅުދުއްފުށީގައި ހުންނަ 5 ސްކޫލްގައި ޖުމްލަ 2670 ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު ކުޅުދުއްފުށީގައި ޕްރައިމަރީ އަދި ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކަށް ޓީޗަރުންގެ ދަތިކަމާއި ބައެއް ގްރޭޑްތަކަށް ފޮތްތައް ނުލިބުމުގެ މައްސަލަވަނީ ދިމާ ވެފައެވެ. ނަމަވެސް ކުޅުދުއްފުށީގައި ހުންނަ 2 ޕްރީ ސްކޫލްގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެ ސްކޫލްތަކުން ހާމަކުރެ އެވެ.
ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި މި އަހަރު ޖުމްލަ 479 ދަރިވަރުން ރަޖިސްޓްރީ ކުރެވިފައިވާ އިރު އެއްވެސް ދަތިކަމެއް ނެތި ކިޔަވައިދެވޭނެ ކަމަށް މި ވަގުތު ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ސާދުނާ މުހައްމަދު ވިދާޅުވި އެވެ.
އިރުމަތި އަވަށު ޕްރީ ސްކޫލްގައިވެސް އެއްވެސް ތަދިކަމެއްް ނެތް ކަމަށާއި މި އަހަރު އެ ސްކޫލްގައި 420 ދަރިވަރުން ތައުލީމް ހާސިލް ކުރާނެ ކަމަށް އެ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ސަމީމާ ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލުގެ ދަރިވަރުން ތަކެއް މިއަދު ސްކޫލުގެ ގޯތިތެރޭގައި–ފޮޓޯ:ހަދީޖާ
ކުޅުދުއްފުށީގަައި އެންމެ ގިނަ ދުވަސްވީ ޕްރައިމަރީ ސްކޫލް ކަމަށްވާ ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގައި 713 ދަރިވަރުންނާއެކު މިއަދު ކިޔެވުން ފެށިގެންދިޔައިރު ޓީޗަރުންގެ ދަތިކަމާ އެކު ބައެއް ގްރޭޑްތަކަށް ފޮތްތަށް ހަމަނުވުމުގެ މައްސަލަވެސް ކުރިމަތިވެފައިވާ ކަމަށް އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައިވެސް ޓީޗަރުންގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމަށާއި އަދި 6، 7 ގެ ދަރިވަރުންގެ ބައެއް ފޮތްތައް ހަމަނުވާކަމަށް އަފީފުއްދީން ސްކޫލް ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވި އެވެ.
މިއަހަރު އެސްކޫލްގައި ޖުމްލަ 531 ދަރިވަރަކު ތައުލީމް ހާސިލް ކުރާނެ އެވެ.
މިއަހަރު އައު ބަދަލުތަކާއެކު ކިޔެވުން ފެށިގެންދިޔަ ޖަލާލުއްދީން ސްކޫލްގައި ދިމާވެފައިވަނީ ހަމައެކަނި ޓީޗަރުންގެ ހަމަނުވުގެ މައްްސަލަ ކަމަށް އެ ސްކޫލްގެ އިންފޮމޭޝަން އޮފިސަރ އައިމިނަތު މުހައްމަދު ވިދާޅުވި އެވެ.
ޖުމްލަ 527 ދަރިވަރުން މި އަހަރު އެ ސްކޫލުގައި ތައުލީމް ހާސިލުކުރާއިރު މި އަހަރު އަލަށް ޖަލާލުއްދީން ސްކޫލްގައި ބީޓެކް ޕްރޮގްރާމް ފަށާނެ އެވެ.