ޓީޗަރުން ހަމަނުވާތީ ށ. ފީވަކު ރައްޔިތުން ނުކުމެ އެރަށު ސްކޫލްގައި މިއަދު ތަޅު އަޅުވާފައިވާއިރު ސްކޫލަށް ޓީޗަރުން ހަމަވެ ކިޔެވުން ފެށޭނެ ދުވަހެއް ނޭގޭ ކަމަށް ށ. ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ށ. ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން ވިދާޅުވީ ޓީޗަރުން ހަމަނުވާތީ އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ ސްކޫލްގައި ތަޅުއަޅުވާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާއި މިއަދު ސްކޫލްގެ ކިޔެވުންވެސް ފެށިފައިނުވާ ކަމަށެވެ.
“މި ކޮޅުގައި މިވަގުތު ޕްރިންސިޕަލެއްވެސް ނެތް އަދި ގިނަ ގްރޭޑްތަކުގެ ފޮތްތަައް ވެސް ހަމަނުވޭ” އަލީ ރަޝީދު ވިދާޅުވި އެވެ.
ރައްޔިތުންނާ ވާހަކަ ދައްކައިގެން ތަޅު ނައްޓާލުމަށް ފަހު ސްކޫލްގެ މުވައްޒަފުން މިހާރު ސްކޫލަަށް ވަދެފައިވީ ނަމަވެސް އަދިވެސް ބެލެނިވެރިން ސްކޫލް ކައިރީ ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށްވެސް އަލީ ރަޝީދު ވިދާޅުވި އެެވެ.
ޖުމްލަ 138 ދަރިވަރުން މި އަހަރު ތައުލީމް ހާސިލްކުުރުމަށް ހަމަޖެހިފައިވާ ފީވަކު ސްކޫލަށް 6 ޓީޗަރުން މަދެވެ. އެގޮތުން ސާނަވީއަށް ކިޔަވައިދޭ ބައޮލަޖީ، ކޮމާރސް ޓީޗަރުނާއި ގްރޭޑް 7 ގެ އިނގިރޭސި ޓީޗަރެއް ހިމެނެ އެވެ.
މި މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ކަމަށާއި އެހެން ނަމަވެސް ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ދަރިވަރުން ސްކޫލަ ފޮނުވަން ބޭނުން ނުވާތީ ސްކޫލްގެ ކިޔެވުން ފެށޭނެ ދުވަހެއް ދަންނަވަން ދަތިކަމަށް އަލީ ރަޝީދު ވިދާޅުވި އެވެ.
ފީވަކު ސްކޫލްގެ އިތުރުން އުތުރުގެ ގިނަ ސްކޫލްތަކެއްގެ ކިޔެވުން މިއަދު ފެށުނު އިރު ޓީޗަރުން ހަމަނުވުމާއި ބައެއް ގްރޭޑް ތަކުގެ ފޮތްތައް ހަމަނުވާ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.