twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހއ އަތޮޅަށް ރަންވަނަ ހޯދައިދޭ ފަރާތްތަކަށް ހާއްސަ އެވޯޑެއް ތައާރަފު ކުރަނީ

Jan 12, 2015

ހއ އަތޮޅަށް ރަންވަނަ އާއި ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ހާއްސަ އެވޯޑެއް ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ މި އެވޯޑް ތަފާތު ދާއިރާތަކަށް ހުޅުވާލުމަށް ކައުންސިލްގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތުން ތައުލީމީ ދާއިރާއިން އެންމެ މޮޅު ދަރިވަރަކަށާއި ސްކޫލްތަކުގެ ތެރެއިން އެންމެ ރަނގަޅު ސްކޫލަކަށާއި އެންމެ ހިންގުތެރި މުދައްރިސަށް އެވޯޑް ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ތައުލީމީ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި އުފެއްދުންތެރި މަސައްކަތެއްކޮށް ނަމޫނާ ދައްކުވައިދޭ ފަރާތްތަކަށްވެސް މި އެވޯޑް ތައާރަފު ކުރަން ހަމަޖެހިފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ މި އެވޯޑް އެ ކައުންސިލްގެ އަހަރީ ދުވަސް ކަމަށްވާ ފެބުރުއަރީ 26 ގައި ތައާރަފު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެ ދުވަހު އަތޮޅު ރަށްތަކުގެ ކައުންސިލްތަކަށް މި އެވޯޑާ ބެހޭގޮތުން މައުލޫމާތުދެވި އެޕްލިކޭޝަން ފޯމާއި އެހެންވެސް މައުލޫމާތާއި މި އެވޯޑްގެ އުސޫލުތައް ރަށްތަކަށް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ މި އެވޯޑް ދިނުމަށް އަދި ދުވަހެއް ފާސްކުރެވިފައިނުވާ ކަމަށާއި އެހެންނަމަވެސް މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ދިރާސީ އަހަރު ނިމުމުން ނުވަތަ އޭ ލެވެލް ދަރިވަރުންގެ ފައިނަލް ނަތީޖާ ލިބުމުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355