twitterviber whatsapp telegramfacebookyoutube instagram
28th April 2024

އިދާރީ ހިންގުމުގެ އުސޫލާބެހޭ މަޝްވަރާ ބައްދަލުވުން ފަށައިފި

Jan 13, 2015

ހދ އަތޮޅުގެ ހުރިހާ ކައުންސިލެއް އެއް އުސޫލަކުން ހިންގުމަށްޓަކައި ހދ އަތޮޅު ކައުންސިލުން ދެލިކޮޕީއެއް އެކުލަވާލާ އެ ދެލިކޮޕީއާ ބެހޭގޮތުން މަޝްވަރާކުރުމަށް ހދ އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ ވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

ހދ އަތޮޅު ހުރިހާ ކައުންސިލަކުން ބައިވެރިވާ މި ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ގައުމީ އިދާރާގައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދީފައިވަނީ ޖަލާލުއްދީން ސްކޫލް ޕްރިންސިޕަލް މަހުދީ ޝާހިދެވެ.

ހަފުލާގައި މުހާތަބު ކުރައްވަމުން މަހުދީ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލުން އިސްނަގައިގެން މިފަދަ ބައްދަލުވުމެއް ބޭއްވުމުން ކުރިއަށް އޮތްތާގައި މި އަތޮޅުގެ ހުރިހާ ރަށްރަށެއްގައި އެއް އުސޫލަކުން ކަންކަން ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މި ބައްދަލުވުމުގެ ބޭނުން ފުރިހަމައަށް ހިފާ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ކައުންސިލްތަކުގެ ވެރީންނަށް މަހުދީ ގޮވާލެއްވި އެވެ.

މި ދެލިކޮޕީއަށް ގެންނަން ބޭނުން އިސްލާހުތަކާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވިގެންދާނެ އެވެ. މި ދެލިކޮޕީ ބަހައިލެވިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ރަށު ކައުންސިލްގެ އިދާރީ ހިންގުން އިސްލާހުކޮށް ހަރުދަނާ ކުރުމާއި ކައުންސިލަރުންގެ މަސައްކަތްތަކާބެހޭ ބަޔެވެ.

މި ދެލިކޮޕީ އެކުލަވާލުމުގެ ސަބަބުން އަތޮޅު ކައުންސިލަށް ހުރިހާ ރަށު ކައުންސިލްތަކެއް މޮނީޓަރ ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް ގައުމީ އިދާރާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ޝެޝަންތައް ނަންގައިވައިދެއްވާނީ މުހައްމަދު ނަސީރު، އިބުރާހިމް ރަޝީދު، މުހައްމަދު ރަބީއު، އަހުމަދު އިމާދު އަދި އާދަމް ނަސީރެވެ.

މި ބައްދަލުވުން ނިންމުމަށް މާދަމާ 11 ން 12 ށް ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355