ކުޅުދުއްފުށީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 16 ރަބަރު ޕެކެޓަކާއެކު ކުޅުދުއްފުށިން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހުންނާބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ 2 މީހުންގެ ތެެރެއިން 25 އަހަރުގެ މީހާ ދިރިއުޅެމުންދާ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު ކޮޓަރިތެރޭގައި ހުރި އެނދު މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ޒާތުގެ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
މި މައްސަލާގައި އެ ދެ މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ވަނީ ދީފައެވެ. އެގޮތުން 25 އަހަރުގެ މީހާއަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ މީހާއަށްވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.