twitterviber whatsapp telegramfacebookyoutube instagram
28th April 2024

އުތުރު ބަނދަރުގައި ހަދާފައިވާ ދަތުރު ހިޔާ ކުޅުދުއްފުށި ކައުންސިލަށް “ވިއްކާލުމަށް” އަތޮޅު ކައުންސިލުން ނިންމައިފި

Jan 18, 2015

ކުޅުދުއްފުއްޓަށް އަންނަ މީހުން މަޑުކޮށްލުމަށް ކުރީގެ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި ހަދާފައިވާ ދަތުރު ހިޔާ އިމާރާތް ކުޅުދުއްފުށީ ކައުންސިލަށް “ވިއްކާލުމަށް” އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

އަތޮޅު މާލިއްޔާއިން 390000ރ. ހަރަދުކޮށްގެން ކުޅުދުއްފުށީގެ އުތުރު ބަނދަރުގައި އަތޮޅު ކައުންސިލުން ހަދާފައިވާ ދަތުރު ހިޔާ ކުޅުދުއްފުށީ ކައުންސިލަށް ވިއްކަން ނިންމާފައިވަނީ 400000ރ. އަށް ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެ އިމާރާތް އެޅުމަށް އަތޮޅުގެ ރައްޔިތުންގެ މާލިއްޔާއިން ހަރަދުކުރި 390000ރ. ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔާއިން އަތޮޅަށް ކައުންސިލަށް ދައްކާ ނިންމާ ގޮތަށް ދެ ކައުންސިލްގެ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއީ “ވިއްކާލުން” ކަމަށް ނުދެކޭ ކަމަށާއި އެއީ ރަށު ކައުންސިލާ ހަވާލުކުރުން ކަމަށެވެ.

އަލީ މުހައްމަދު ވިދާޅުވީ ދަތުރު ހިޔާގެ މައްސަލާގައި ދެ ކައުންސިލްގެ “ކޯޅުންތަކާ” ބަހުސްތަކަށް ފަހު ދެ ކައުންސިލުން އެއްބަސްވީ މިގޮތަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މާލިއްޔާއިން މި ކަމަށް ހަރަދުކުރުމަށް ދަތި ތަކެއް ކުރިމަތިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކުރީގެ އަތޮޅު ކައުންސިލުން ރަށު ކައުންސިލުގައި އެދުނީ ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ތިން އަތޮޅުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ދަތުރު ހިޔަލެއް އެޅުމަށް ބިން ކޮޅެއް ދިނުމަށް ކަމަށެވެ. ނަމަވެސް އެ އިމާރާތް އެޅުމަށްފަހު އެކަމަށް ދިޔަ ހަރަދު ދެއްކުމަށް ރަށު ކައުންސިލަށް އަތޮޅު ކައުންސިލުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ރަށު ކައުންސިލުން އެ އިމާރާތްކުރި ހަރަދު ދޭންޖެހޭނެ ކަމަށް އެއްވެސް ލިޔުމެއްގައިވެސް ނެތް ކަމަށާއި އެ ކައުންސިލުން އެދިފައިވަނީ ހަމައެކަނި ބިން ކޮޅަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރެއް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަތޮޅުގެ މާލިއްޔާއިން ހަރަދުކޮށްގެން ހަދާފައިހުރި ދަތުރު ހިޔާ ކުރިން އޮތީ ހަދާނިންމައި އެއްވެސް ބަދަލަކާ ނުލައި ރަށު ކައުންސިލާ ހަވާލުކުރާ ގޮތަށް ކަމަށެވެ.

އަލީ މުހައްމަދު ވިދާޅުވީ މިހާރު ރަށު ކައުންސިލްގެ ވިސްނުން ހުރީ އެ އިމާރާތް ވިޔަފާރީއެއް ހިންގޭ ގޮތަކަށް ބަޔަކަށް ހަވާލުކޮށް އެ ދަތުރު ހިޔާއިން ރައްޔިތުންނަށް މަންފާ ހޯދޭނެ ގޮތެއް ހަދައިދިނުމަށް ކަމަށެވެ.

ނަމަވެސް މިކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެ އިމާރާތަށް ކަރަންޓާއި ނަރުދަމާ ލެވިފައިނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކަރަންޓާއި ނަރުދަމާ އެ އިމާރާތަށް ލައިދިނުމަށް އެކިފަހަރު މަތިން އެމްޑަބްލިއުއެސްސީއަށް އަންގާފައިވާނެ ކަމަށާއި އެކަމަށް އެދި އެތައް ފަހަރަކު ސިޓީވެސް ލާފައިވާނެ ކަމަށާއި އެހެންނަމަވެސް އަދިވެސް އެ ފަރާތުން އެކަން ކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހަކު 5000ރ. ރުފިޔާ ދައްކާ ގޮތަށް އެއްބަސްވުން މިހާރު ތައްޔާރުކޮށްފައިވާއިރު ރަށު ކައުންސިލްގެ އުއްމީދަކީ އެ އިމާރާތުގައި ހޮޓަލެއް ގާއިމުކޮށް ރައްޔިތުންނަށް ހިތްފަސޭހަ އިމާރާތަކަށް އެ އިމާރާތް ވެގެން ދިއުން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ހދ އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބުދުލް މުހައިމިން ވިދާޅުވީ އެ ކައުންސިލުން ކުޅުދުއްފުށީ ކައުންސިލަށް އެ އިމާރާތް ހަވާލުކުރުމުގެ ބޭނުމަކީ ރައްޔިތުންނަށް އެ އިމާރާތުން ބޭނުމެއް ހިފޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

އަދި އަތޮޅުގެ ރައްޔިތުންގެ މާލިއްޔާއިން ހަދާފައިވާ ތަނެއް ބޭނުންނުކުރެވި ހުރުމަކީ މައްސަލައެއް ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355