twitterviber whatsapp telegramfacebookyoutube instagram
11th September 2025

ހދ އަތޮޅު ކައުންސިލުން އަތޮޅުގެ 7 ރަށެއްގައި ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ހިންގަނީ

Jan 20, 2015

ހދ އަތޮޅު ކައުންސިލުން އަތޮޅުގެ 7 ރަށެއްގައި ދަނޑުވެރިކަމާބެހޭ ކޯސްތަކެއް މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަބްދުލް މުހައިމިން ވިދާޅުވީ މި އަހަރު ހދ އަތޮޅުގެ 7 ރަށެއްގައި ދަނޑުވެރިކަމާބެހޭ ކޯސްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ކޯސްތައް ހިންގުމަށް ބޭނުންވާ ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތް ކަމަށެވެ.

މުހައިމިން ވިދާޅުވީ ކޯސްތައް ހިންގާނީ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ 7 ރަށުގައި ކަމަށެވެ.

މިކަމަށް ހަރަދުވާނެ ބަޖެޓެއް އެކުލަވައުލާނީ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅައި ނިމުމުން ކަމަށާއި ކޯސްތައް ހިންގާ ރަށްތަކުންވެސް ބައެއް ހަރަދު ހަމަޖައްސައިދޭނެ ކަމަށްވެސް މުހައިމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާބެހޭ ވުޒާރާއާ ގުޅިގެން ކަމަށާއި ކޯސްތައް ހިންގުމުގައި ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގެ އެއްބާރުލުންވެސް ލިބޭނެ ކަމަށެވެ.

މި ކޯސްތަކުގައި ކިޔަވައިދޭނީ މޭވާ އާއި ތަރުކާރީ ފަދަ ތަކެތި އިންދައި ހައްދާނެ ގޮތްތަކާއި ހައްދާ ތަކެތި މާކެޓް ކުރާނެ ގޮތްތައް ކަމަށް އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355