ހދ އަތޮޅުގެ ޒުވާނުންނަށް ތައުލީމާ ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ހދ އަތޮޅު ކައުންސިލުން ޗައިނާގެ ސަފީރު ވާން ފޫކާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ރަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވާން ފޫކާންއާ ބައްދަލުކުރެއްވުމަށް ހަނިމާދޫގައި ބޭއްވި ރަސްމިޔާތުގައި ހދ އަތޮޅު ޒުވާނުންނަށް އެކި ދާއިރާތަކުން ތައުލީމާ ތަމްރީން ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމަށް އެދި ޗައިނާގެ ސަރުކާރަށް ޕްރޮޕޯސަލެއް ހުށަހަޅާފައިވާނެ ކަމަށެވެ.
މި ޕްރޮޕޯސަލް ސަފީރާ ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް އެވެ.
އެ ޕްރޮޕޯސަލްގައި ޒުވާނުންނަށް އެކި ދާއިރާތަކުން ސްކޮލަޝިޕް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިފައިވާނެ ކަމަށާއި ޗައިނާގެ ސަފީރު އެ ޕްރޮޕޯސަލް ބަލައިގެންފައިވަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އަތޮޅު ތަރައްގީއާ ބެހޭ ކަންކަމާ ބެހޭ ގޮތުން ވެސް ޗައިނާގެ ސަފީރާ މަޝްވަރާ ކުރައްވާފައި ވެއެވެ.
އޭނާ ވިދާޅުވީ ޗައިނާ ސަރުކާރުން އެ ޕްރޮޕޯސަލް ގަބޫލުކޮށްފިނަމަ ޗައިނާ ސަރުކާރާއި އަތޮޅު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް ސްކޮލަޝިޕްތައް ލިބިގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވަނީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް އާއި ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ރަޝީދުގެ އިތުރުން ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ވަސީމާއި އަބްދުލް މުހައިމިން ބައިވެރިވެފައިވެ އެވެ.
ޗައިނާ އެމްބަސީގެ ފަރާތުން ޗައިނާގެ ސަފީރު ވަން ފޫކާންގެ އިތުރުން އެންބަސީގެ އިތުރުގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.
ޗައިނާ އެމްބަސީގެ ފަރާތުން ޗައިނާގެ ސަފީރު ވަން ފޫކާން ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދޫ އާއި ވައިކަރަދޫ ކައުންސިލާ ބައްދަލުކުރައްވައި އެ ދެ ރަށުގެ ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބައްލަވާލައްވާނެ ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.