ބޭންކް އޮފް މޯލްޑިވްސްއިން ވަދީއާ ޑިޕޮސިޓް އެކައުންޓާ އެކު އިސްލާމިކް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ.
ޝަރީއާ ހުއްދަކުރާ އުސޫލްތަކާ އެއްގޮތްވާގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްއިން ތައާރަފްކުރި އިސްލާމިކް ބޭންކިންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ބީއެމްއެލްއިން މި ހިދުމަތް ވަދީއާ ޑިޕޮސިޓް އެކައުންޓްގެ ނަމުގައި އަމިއްލަ ފަރުދުންނަށް ހާއްސަކޮށްގެން ފަށާފައިވާއިރު ކުރިއަށް އޮތް ތަނުގައި، އިސްލާމިކް ބޭންކިންގެ ގިނަ ޕްރޮޑަކްޓްތައް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ އިއުލާންކޮށްފަ އެވެ.
މި ހިދުމަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިޔާތުގައި ބޭންކްގެ ސީއީއޯ އެންޑްރޫ ދެއްކެވި ވާހަކަފުޅުގައި ވަނީ ބީއެމްއެލް މި ހިދުމަތް ފަށާއިރު ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދެވުނު ކަމުގައިވިއަސް ހިދުމަތް ފަށައި، ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުން ބޭނުންވާ ގޮތަށް، އިތުބާރާއި ޔަގީންކަމާއެކު ހިދުމަތް ފުޅާކުރާނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދެއްވާފަ އެވެ.
މި ރަސްމިޔާތުގައި އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވަނީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގެންފައިވާ މި ނިޒާމާ ދޭތޭރޭ ރާއްޖޭގައި ވެސް އިތުބާރު ބޮޑުކަން ފާހަގަކުރައްވާފަ އެވެ.
މި ހިދުމަތް ތައާރަފްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޝަހީމް އާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލްގެ އިތުރުން އެ ބޭންކްގެ އިސް ވެރިނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެފައިވެ އެވެ.