ކުޅުދުއްފުށީ ޕްރީ ސްކޫލުތަކުގެ ބައެއް ބެލެނިވެރިން މިދިޔަ އަހަރުން ފެށިގެން ފީ ނުދައްކާ މައްސަލަ ބޮޑުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ހުންނަ ދެ ޕްރީ ސްކޫލުގެ ތެރެއިން އަމީރު އަމީން ޕްރީ ސްކޫލަށް މިދިޔަ އަހަރު ޖަނަވަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ފީ ނުދައްކާ 10 ފަރާތެއް ވާއިރު އިރުމަތި އަވަށު ޕްރީ ސްކޫލަށް ފީ ނުދައްކާ ލިސްޓްގައި 12 ފަރާތެއް ހިމެނެއެވެ. އަދި އޭގެ އިތުރުން މަހުން މަހަށް ފީ ނުދައްކައި ފީ ދެއްކުމުގައި ފަރުވާކުޑަކުރާ ބެލެނިވެރިންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ އަހަރުން ފެށިގެން ފީ ނުދައްކަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ޕްރީ ސްކޫލުގެ ދަރިވަރުންގެ ފީ ކަނޑާލާނެ ކަމަށް ވީ ވައުދުގެ ދަށުން ކަމަށް “ކުޅުދުއްފުށީ އޮންލައިނާ” ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުންޏެވެ.
“ޕްރީ ސްކޫލުގެ ފީ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކަނޑާލާފަ. އެހެންވެ ފީ ދައްކާކަށް ނުޖެހޭނެ އެއްވެސް ޕޭރެންޓަކު. ރައީސް ޔާމިން ވިދާޅެއް ނުވޭތޯ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި ޕްރީ ސްކޫލު ތައުލީމް ހިލޭ ނުވާނެއޭ؟” އައިޕީއެސް ސްކޫލްގެ ބެލެނިވެރިޔަކު ސަމާސާ ރާގެއްގައި ބުންޏެވެ.
ޕްރީ ސްކޫލުތަކަށް ފީ ނުދައްކާ މައްސަލާގައި ކައުންސިލުން ބުނީ ފީ ނުދައްކާ ފަރާތަކާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކައުންސިލުން ވިސްނާފައިވަނީ ފީ ނުދައްކާ ބެލެނިވެރިން ކައުންސިލަށް ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފަހު ވަކި މުއްދަތެއް ދިނުމަށް ކަމަށް ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ ޝައުފާ އިބްރާހިމް ހިލްމީ ވިދާޅުވި އެވެ
އޭނާ ވިދާޅުވީ އެ މުއްދަތު ތެރޭގައި ފީ ނުދައްކާ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ވަކިގޮތެއް ނިންމާނީ ކަމަށެވެ.