twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފާރުތަކުގައި ހުންނަ ބޭ އަދަބީ ގްރެފިޓީތައް: އިޖުތިމާއީ ބޮޑު މައްސަލައެއް

Feb 1, 2015

ކުޑަ ދަރިފުޅު ގޮވައިގެން ހަވީރު ފިންޏަށް ދުއްވާލަން ނުވަތަ ހިނގާލަން ރަށުތެރެއަށް ނިކުތުމަކީ އާންމު ކަމެކެވެ. ދަރިފުޅު ނުވަތަ ކޮއްކޮއެއް ނޫންނަމަ އާއިލާގެ މެންބަރުންނާ އެކު ހިތްހަމަ ޖައްސާލުމަށް “ފިނި ބުރެއް” ޖަހާލުން އެއީ އުފާވެރިކަމެއް ގެނުވައިދޭ ގުޅުންތައް ބަދަހިކޮށްދޭ ކަމަކެވެ. އުފާވެރި ވަގުތެއް ވެސް މެއެވެ. އެހެންނަމަވެސް ބައެއް ފަހަރު އެފަދަ ވަގުތުތަކުގައި ހިނގާފައި ދާ މަގަކުން ނުވަތަ އެޅޭ ގޯޅިއަކުން ލަދުން އިސްދަށަށް ޖަހާލަންޖެހޭ ފަދަ މަންޒަރުތައް ފެނިގެންދެއެވެ. މަންމަ ނުވަތަ ދަރިފުޅު ގޮވައިގެން ދާއިރު ބަލާލަން ނުކެރޭފަދަ ހުތުރު ދަށު ދަރަޖައިގެ މަންޒަރުތަކާ ކުރެހުންތައް މަގު ފާރުތަކުން ފެނެއެވެ.

މި ދައްކަނީ ރަށުގެ ބޮޑެތި މަގުތަކުގެ ފާރުތަކުގައި ކުރަހާފަ ހުންނަ ބޭއަދަބީ “ގްރެފިޓީ”ތަކުގެ ވާހަކަ އެވެ. ސްކޫލްތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ފާރުތަކުގައި ކުރަހާފަ ހުންނަ އެކި ކުރެހުންތަކުގެ ވާހަކަ އެވެ. ގިނަ ކުރެހުންތަކަކީ ގިނަ ދުވަސްތަކެއް ވެފައިވާ ކުރެހުންތަކަކަށްވާ އިރު މިކަންތައްވަނީ އެއްވެސް ބައެއްގެ ސަމާލުކަމަށް ނައިހެވެ.

ދަރިފުޅުގޮވައިގެން ހިތްހަމަ ޖައްސާލުމަށް ހަވީރު ދުއްވާލަން ނުކުންނަށް ބައްޕަ ޖެހެނީ ދަރިފުޅު ފާރުތަކަށް އިޝާރަތްކޮށް ކުރާ ސުވާލުކަތަށް ޖަވާބު ދޭން ނޭނގިފަ ހުންނާށެވެ. ލިޔަން ކިޔަން އެނގޭ ކުއްޖަކުނަމަ އެކީ ހިނގާފައި ދާ މަންމަ ކައިރީ އެ އެބަސްތަކުގެ މާނަ އޮޅުންފިލުވައިދިނުމަށް އެެދެނީވެސް މަދެއްކޮށެއް ނޫނެވެ.

އިރުމަތި އަވަށު ޕްރީ ސްކޫލުގެ އުތުރުފާރުގައި ލިޔެފައި ހުރި ބޭއަދަބީ ބަސްތަކެއް–ފޮޓޯ:ވާހިދު

އެފަދަ ބަސްތައް ނުވަތަ ކުރެހުންތައް ތަކުރާރުކޮށް ފެންނަ ކަމަށް ވަންޏާ ޅަ ދަރިންގެ ހިތްތަކުގައި އެފަދަ ތަކެތި ބިންވަޅު ނަގަން ގިނަ ވަގުތެއް ނުނަގަ އެވެ. ވާހަކަ ދެއްކުމުގައިި އެފަދަ ބަސްތައް ބޭނުން ކުރާތަން އާދެ އެވެ. ދެން އުފެދޭ ސުވާލަކީ އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތެއްތޯ އެވެ. ދަރިފުޅު ގޮވައިގެން މަގުމައްޗަށް ނުކުންނަ ބެލެނިވެރިންތޯ ނުވަތަ ރަށުތެރޭ ހިނގާ މިފަދަ ކަންކަން ހުއްޓުވުމަށް ރަށުގެ އިސްވެރިންތޯ؟

މިއީ ގިނަ ބެލެނިވެރިންގެ ޝަކުވާއަކަށް ވެފައިވާއިރު މިކަމަށް އަދިވެސް އެދެވޭ ހައްލެެއް ވަނީ ނުލިބި އެވެ. ރަށުގައި ހުރި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ ފާރުތައް ހަޑިކޮށްފައިވާތަން އެއްވެސް ބަޔަކަށް ނުފެންނަީ ކީއްވެތޯ އެވެ. ނުވަތަ މިއީ އެއްވެސް މައްސަލައަކަށް ނުވަނީ ހެއްޔެވެ؟

ކުޅުދުއްފުށީ ގެއެއްގެ އިރުދެކުނު ފާރު. ސްޓޭޑިއަމްއާ ދިމާއަށް ހުރި މި ފާރުގައި ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅެއްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔެފައި–ފޮޓޯ:ވާހިދު

ބޭ އަދަބީ ގްރެފިޓީތަކުގެ އިތުރުން މީހުންގެ އަނބުރަށް ހުތުރުވާގޮތައް އެ މީހުންނަށް ރައްދުކޮށް ސާބިތު ނުހިފޭ ވާހަކަތައް ލިޔެފައިހުންނަ މަންޒަރަކީ ވެސް މިހާރު ފެންނަ ހަމަ އާންމު މަންޒަރެކެވެ. އެކި މީހުންގެ ފޯން ނަންބަރުތައް ފާރުތަކުން ދަނީ ގިނަވެ މިކަންތައް އާންމުވަމުން ނެވެ. މިއީ މި ވަގުތު ހައްލެއް ނުލިބިއްޖެނަމަ މާދަމާ ބޮޑުވެގެން ހިނގައި ދާނެ މައްސަލައެކެވެ.

“ކުޅުދުއްފުށި އޮންލައިނު”ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކައުންސިލްގެ ފަރާތުން އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިންވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެންމަވެސް އެދެވިގެންވާ ދާއިމީ ހައްލެއް ނުލިބެނީ އެއީ ބަޔަކު ތަކުރާރުކޮށް ކުރަމުން އަންނަ ކަމަކަށް ވާތީ ކަމަށެވެ.

“ނިކަގަސްމަގުގައި ހުރި ގެއެއްގެ އިރުމަތި ފާރުގައި އަވަގުރާނަ ލިޔެފައި–ފޮޓޯ:ވާހިދު

އޭގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ “ސްކައި” ޖަމިއްޔާގެ ފަރާތުން މި އަހަރު ތެރޭގައި ރަށުތެރޭގައި ހުރި މިފަދަ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ބަޔަކު އިސްނަގައިގެން ރަށުތެރޭގައި ހިނގާ މިފަދަ ކަންކަން ހުއްޓުވުމަކީ މިހާރު ވަރަށް މުހިއްމު ކަމަކަށް ވެއްޖެ އެވެ. ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ގޮތުން ރަށް ތަރައްގީވުމެއް ނޫނެވެ. އިޖުތިމާއީގޮތުން ފަރުދުންގެ ވިސްނުން ތަރައްގީނުވާނަމަ އެއީ ހަގީގީ ތަރައްގީއެއް ކަމަކަށް ނުބެލެވޭނެ އެވެ. މީސްމީހުންގެ އަބުރު ކަތިލުމާއި ސާބިތުނުހިފޭ ވާހަކަތައް ފެތުރުމާއި ބޭއަދަބީ ސޫރަތައް މަގުފާރުތަކުގައި ހުންނަ ހުރުމަކީ، އެތަނެއްގައި އުޅޭ ބައެއްގެ ނާތަހުޒީބުކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

އިންޖީނުގެ ފާރު. މިފާރުގައި ގިނަ އަދަދެއްގެ މީހުންގެ މޯބައިލް ނަންބަރުތަކާއި އަވަގުރާނަ ކުރަހާ އަދި ލިޔެފަ ހުރޭ–ފޮޓޯ:ވާހިދު

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355