މަތީ ތައުލީމުގެ ފުރުސަތުތަކެއް ހދ.އަތޮޅުގެ ޒުވާނުންނަށް ހޯދައިދިނުމަށް ހދ.އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2 ސްކޮލަޝިޕެއްގެ ފުރުސަތު ހދ.އަތޮޅު ކައުންސިލުން ހުޅުވާލައިފި އެވެ.
މި ސްކޮލަރޝިޕަކީ ވިލާކޮލެޖުން ކުޅުދުއްފުށީގައި ޖެނުއަރީ މަހު ފަށާފައިވާ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން ހދ.އަތޮޅު ކައުންސިލަށް ވިލާކޮލެޖުން ހަމަޖައްސަވާދެއްވާފައިވާ ސްކޮލަރޝިޕެއްކަމަށް ހދ.އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ. މި ސޮކޮލަރޝިޕްގެ ދަށުން 2 ދަރިވަރެއްގެ ޓިއުޝަން ފީގެ %50 ހިލޭ ހަމަޖެހިގެންދާނެކަމަށް އެ ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން ހދ.އަތޮޅުގެ ޒުވާނުންނަށް ތައުލީމީ އިތުރު ފުރުސަތުތަކެއް ހޯދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރެވެމުންދާކަމަށްވެސް އަތޮޅު ކައުންސިލުން މައުލޫމާތުދިނެވެ. މިގޮތުން 2015 މާރޗްމަހުގެ ތެރޭގައި ސިވިލްސަރވިސް ޓްރޭނިން އިންސްޓިޓިޔުޓާ ގުޅިގެން ހިންގުމުގެ ދާއިރާގެ ޑިޕްލޮމާ ލެވަލްގެ ކޯހެއް ކުޅުދުއްފުށީގައި ފަށާގޮތަށް ހަމަޖެހިފިއިވާކަމަށާއި، މިކޯހުން ހދ.އަތޮޅުގެ ކޮންމެ ރަށަކުން 1 ފަރާތަކަށް ސްކޮލަރޝިޕެއް ހަމަޖެހިގެންދާނެކަމަށް އެ ފަރާތުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން މައި ކޮލެޖްގެ 2 ސްކޮލަޝިޕެއްވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
ހދ އަތޮޅުގެ ޒުވާނުންނަށް ތައުލީމާ ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ހދ އަތޮޅު ކައުންސިލުން ވަނީ ޗައިނާގެ ސަރުކާރަށް ޕްރޮޕޯސަލެއްވެސް ހުށަހަޅާފަ އެވެ.