ސާމިލް އަލީ އަކީ އޭނާ އަތުޖެހުނު އެއްޗެށް ހަލާކުކޮށް، ކަފައި ހަދާ ކުއްޖެއް ކަމަށާއި އޭނާގެ ގައިގައި ހިލިހިލާ ޖެހީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހދ ޗިލްޑްރެންސް ސާވިސް ސެންޓަރުން ހުއްދަ ދީގެން ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފި އެވެ.
އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެއް ހިލިހިލާ ޖަހައިގެން ކުޅުދުއްފުށީ ގެއެއްގައި ގެންގުޅުނު މައްސަލައެއް މިދިޔަ އަދީއްތަ ދުވަހު ފެންމަތިވުމާ ގުޅިގެން އެކުއްޖާގެ އާއިލާ ފަރާތުން “ކުޅުދުއްފުށި އޮންލައިނާ” ބައްދަލުކޮށް އެކަން ހިނގާދިޔަ ގޮތް ވަނީ ހިއްސާކޮށްފަ އެވެ.
ސާމިލް އަލީ (11) އަކީ އެހެން ކުދިންނާ ތަފާތު މުޅިން އެހެން މިޒާޖެއްގެ ކުއްޖެއް ކަމަށާއި އޭނާ އަކީ އަތުޖެހިއްޖެ ކޮންމެ އެއްޗެށް ވެސް ހަލާކުކޮށް، ކަފައި ހަދާ ކުއްޖެއް ކަމަށް ސާމިލްގެ ބައްޕަ އަލީ މުހައްމަދު ބުންޏެވެ.
ސާމިލް ބުރިކޮށްލައިފައިވާ ކަރަންޓް ވައިރުތަކެއް އަލުން ގުޅުވާފަ–ފޮޓޯ:ވާހިދު
އަދި ސާމިލުގެ އަމަލްތަކުގެ ސަބަބުން ޖެންޑާއަށް އޭނާ ކުރިން ވެސް ގެންގޮސްފައިވާ ކަމަށާއި ކުޅުދުއްފުށީގައި ހުންނަ ޗިލްޑްރަންސް ސާވިސް ސެންޓަރަށް އޭނާ ގެންގޮސް އެމީހުން އޭނާގެ އަމަލުތައް ދެނެގަތުމަށްފަހު ބުނީ މީހުންނަށް ފެންނަ ގޮތަށް (ވާގަނޑެއް) ޖަހައިގެން ގެންގުޅުމަށް ކަމަށެވެ.
“ޖެންޑާއިން އޭނާގެ އަމަލުތައް ބެލުމަށް ފަހު އޭނާ ގެންގުޅެވޭނެ އެހެން ގޮތެއް ނެތުމުން އަހަރެމެން ގާތު ބުނީ ވާގަނޑެއް ޖަހައިގެން މީހުންގެ ތެރޭގައި ގެންގުޅުމަށް، ވާގަނޑެއް ނުޖެހީ ބާރުވެ ފަޔަތް ތަދުވާނެތީ، އެހެން ވެ ހިލިހިލާ ގަނޑެއް ވެސް ޖެހީ. ޖެހި އެއްޗެށް ޖެހީ ޖެންޑަރ އިން ހުއްދަދީގެން” ޝާމިލްގެ ބައްޕަ ބުންޏެވެ.
ސާމިލް ހަލާކުކޮށްފައި ހުރި ސޯފާއެއް. ސޯފާގެ މަތީގައި އޮތް ވާގަނޑުވެސް ވަނީ ބުރިކޮށްފަ–ފޮޓޯ:ވާހިދު
ހަގު ދަރިފުޅުގެ މިޒާޖު ހުންނަ ގޮތުގެ ވާހަކަ ހިއްސާކުރަމުން އަލީ މުހައްމަދު ބުނީ ސާމިލް ވަރަށް ކުޑައިރުއްސުރެ އެއްޗެހި ހަލާކުރާ ކަމަށެވެ. އެގޮތުން ސައިކަލުގެ މަޑި އާއި ގޭގަ ހުންނަ ފަރުނީޗަރާއި އަންނައުނު ފަދަ ތަކެތި އޭނާ ކަަފައި، ހަލާކު ކުރާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެފަދަ ކަންތަކާ ހުރެ ޖެންޑާރ އަށާއި ޕޮލިހަށް އެތަށް ފަހަރަކު އެކަން އަންގާފައިވާނެ ކަމަށެވެ.
ކަރަންޓް ވައިރާއި ގޮދަޑި އާއި ދޮރު ފަދަ އެތަކެއް އެއްޗެށް އޭނަ ކަފައި ހަދަ އެވެ. އަދި ހަނޑުލާއި ހަކުރު ޓައްޕަށް ވެސް އެތަށް ފަހަރަކު ވެލިއަޅާ، ކައްކާފައި ހުންނަ ކާބޯތަކެތި ވެސް އޭނާ އަތުގައި ޖެހޭއިރަށް “އޭގެ ދުވަސް ދެން އެދިޔައީ” ކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދެ އެވެ.
ސާމިލް ކޮށާލައިފާ ހުރި ގިނަ އަދަދެއްގެ ފައިވާންތަކެއް–ފޮޓޯ:ވާހިދު
އޭނާ މިދިޔަ އަހަރުވެސް ސްކޫލަށް ގެންދިޔަކަމަށާއި ސްކޫލަށް ފަހުން ނުގެންދެވުނީ އޭނާގެ އަމިއްލަ ފޮތްތަކާއި ދަބަސް އަދި ޔޫނީފޯމް ފަދަ އެއްޗެހި ހަލާކުކޮށް ހަދާތީ ކަމަށް އާއިލާއިން ބުނެ އެވެ. އެހެންނަމަވެސް އެހެން އެއްވެސް ކުއްޖެއްގެ އެއްޗަކަށް އޭނާ ގެއްލުމެއް ނުދެ އެވެ. އަދި އޭނާ ހިލިހިލާ ޖަހައިގެން ގެންގުޅެނީ ވަރަށް މަދުން ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
ސާމިލްގެ ބައްޕަ ބުނީ އޭނާ ހިލިހިލާ ޖަހަނީ އޭނާ ކައިރީގައި މީހަކު ނުހުންނަ ވަގުތުތަކުގައި އެކަނި ކަމަށާއި އޭނާއަށް އަނިޔާވާ ކަހަލަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އިއްޔެ ފުލުހުން ސާމިލަށް އަނިޔާކޮށްފައިވޭތޯ ބެލުމަށް ހޮސްޕިޓަލަށް ގެންދިޔަކަމަށާއި ސާމިލަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާކަން ޑޮކްޓަރުގެ ސެޓްފިކެޓްތަކުން އިތުރަށް ޔަގީންވެފައިވާ ކަމަށް އޭނާ ބައްޕަ އަލީ ބުންޏެވެ.
ސާމިލަށް އަނިޔާކޮށްފައިވޭތޯ ބެލުމަށް އާދީއްތަ ދުވަހު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވޭ.އޭނާ ބެލުމަށް ފަހު ޑޮކްޓަރުން ވިދާޅުވެފައިވަނީ އޭނާއަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާ ކަމަށް–ފޮޓޯ:ވާހިދު
އޭނާއަށް އަށް ބަރާބަރަ ހުރިހާކަމެއް އާއިލާއިން ކޮންދޭ ކަމަށް ޝާމިލްގެ ބައްޕަ ބުންޏެވެ. އަދި ސިކުނޑީގެ މައްސަލައެއް ހުރިތޯ ބެލުމަށް ޑޮކްޓަރަށް ދެއްކި ކަމަށާއި ޑޮކްޓަރުން އެފަދަ އުނިކަމެއް ހުންނަކަށް ފާހަގަކޮށްފައި ނުވާކަމަށްވެސް ސާމިލްގެ ބައްޕަ ބުންޏެވެ.
އެކި ދުވަސް މަތިން ސާމިލް ހަލާކުކޮށްފައިވާ ތަކެތި “ކުޅުދުއްފުށީ އޮންލައިންގެ” ރިޕޯޓަރުންނަށް ވަނީ ދައްކާލާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންނައުނާ ފައިވާން ހިމެނެ އެވެ. އަދި ބުރިކޮށްފައި ހުރި ބައެއް ކަރަންޓު ސާމާނުގެ ވާގަނޑުތަކައި ގޭގެ ހިފާގެންގުޅޭ ތަކެތި ހުއްޓެވެ.