ހދ. ކުޅުދުއްފުށީގައި ފެން ޓެސްޓްކުރާ ލެބޯޓްރީއެއް ގާއިމު ކުރުމަށްޓަކައި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ހދ.އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އަތޮޅު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އާތިފެވެ. އީޕީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމެވެ.
މިއެއްބަސްވުމުގެ ދަށުން ޤާއިމު ކުރެވޭ ލެބޯޓްރީއަކީ، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައިވާ ރަށްރަށުގައި ދެވޭ ފެނާ ނަރުދަމާގެ ހިދުމަތަކީ އެ އެޖެންސީގެ މިންގަނޑުތަކަށް ފެތޭ ހިދުމަތެއްތޯ ބެލުމާއި ރަށްރަށުގެ ފެންފަށަލައަށް އަންނަ ބަދަލުތައް ދެނެގަތުމަށް ގާއިމު ކުރެވޭ ތަނެއް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
އަތޮޅު ކައުންސިލުން ބުނީ މި އެއްބަސްވުމުގެ ދަށުން ހއ. ހދ އަދި ށ އަތޮޅުގެ ރަށްރަށުގެ ފެން ޓެސްޓް ކުރުމާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ހަމަޖައްސާ ގޮތެއްގެ މަތީން ފެނުގެ ހާލަތު މޮނިޓަރ ކުރުމާއި ތަހުލީލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅިގެން ފެން ޓެސްޓް ކުރުމަށް ބޭނުން ކުރާ ވަސީލަތައް ބޭނުން ކުރުމާބެހޭ ތަމްރީނު ކައުންސިލުގެ މުވައްޒަފުންނަށް އީޕީއޭގެ ފަރާތުން ވަނީ ދެއްވާފަވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ފެން ޓެސްޓް ކުރާ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތަކީ ނިމިދިޔަ އަތޮޅު ކައުންސިލުން ފެށި މަސައްކަތެކެވެ. މިނޫހަށް މީގެ ކުރިން ދިން އިންޓަވިއުގައި ކުރީގެ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ ވިދާޅުވެފައިވަނީ މުސްތަގުބަލުގައި ފެން ނޫނަސް އެހެން އެއްޗެހި ވެސް ލެބޯޓަރީ ޓެސްޓް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.