ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބައެއް ތަކެތި ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު މެންދުރުފަހު އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި މި ތަކެތި ކުޅުދުއްފުށި ހޮސްޕިޓަލާއި ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފެވެ. އަދި މި ތަކެއްޗާއި ހަވާވެލެއްވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާރވިސް އިބްރާހިމް ވަހީދެވެ.
ހޮސްޕިޓަލަށް މިއަދު ހަދިޔާކޮށްފައިވާ ގާގަނޑަކަށް 16000 ވަރަކަށް ހާސް ރުފިޔާގެ ތަކެއްޗެވެ. ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 3 ވީލް ޗެއާރއާއި 7 ބްލަޑް ޕްރެޝަރ އެޕަރޭޓަސްއާއި 8 ޑިޖިޓަލް ތަމޯމީޓަރ އަދި 1 ސްޓެތަސްކޯޕެވެ.
މި ރަސްމިޔާތުގައި އިބްރާހިމް ވަހީދު ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތައް ވަނީ ފާހަގަކޮށްފަ އެވެ. ހޮސްޕިޓަލަށް އިތުރު މެޝިނަރީތައް ލިބެމުންދާ ކަމަށާއި މިހާރު ފުރަތަމަ ޝިޕްމެންޓް ހޮސްޕިޓަލަށް ލިބިފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ މެޝިނަރީތައް އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ ހޮސްޕިޓާ މަރާމާތުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި ހޮސްޕިޓަލަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއްގެ މަސައްކަތްވެސް ފަށަން ނިންމާފައިވާ ކަމަށެވެ.
ކައުންސިލްގެ ނައިބު ރައީސް މި ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަނީ އެ ކައުންސިލަށް ވެވުނު ވަރަކުން ހޮސްޕިޓަލަށް އެހީ ވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަހުމަދު އާތިފް ވިދާޅުވީ އަތޮޅު ކައުންސިލަކީވެސް މުއްސަނދި ތަނެއް ނޫން ކަމަށާއި މި ވަގުތައް ކައުންސިލްގެ މާލިއްޔާތުގެ ފުދުންތެރިކަން ހުރި މިންވަރުން މި ވަގުތައް ދެވެން އޮތް އެހީ ކަމަށެވެ.
ހޮސްޕިޓަލާ ބައެއް ތަކެތި ހަވާލުކުރުމަށް އަތޮޅު ކައުންސިލު އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–ފޮޓޯ:ނާޒިމް
ނަމަވެސް އެ ކައުންސިލްގެ މާލިއްޔާތު މުއްސަނދި ކުރެވޭނެ މަގުތައް ފަހިވެ ކުރިމަގުގައި ބޮޑެތި އެހީތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އާތިފް ވިދާޅުވި އެވެ. އަދި ކައުންސިލާއި ހޮސްޕިޓާ އިތުރަށް ގުޅިގެން މަސައްކަތްކޮށް އަތޮޅުގެ ސިއްހީ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދު މި ހަދިޔާކުރެވުނު ތަކެއްޗަކީ އަތޮޅުގެ ސިއްހީ ހާލަތު ރަނގަޅުކުރެއްވުމަށްޓަކައި އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލަށް އެހީތެރިވުމަށް އަތޮޅު ކައުންސިލުން ނިންމައި ހަދިޔާކުރި ތަކެއްޗެވެ.