ކުޅުދުއްފުށީގައި ވަގުތީ މަސްމާރުކޭޓެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތްނިމި އަންނަ ރޯދަ މަސް ފެށުމުގެ ކުރިން އެ ތަނުގެ ބޭނުންކުރަން ފެށޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
“ކުޅުދުއްފުށި އޮންލައިންނަށް” ދެއްވި ބަސްދީގަތުމެއްގައި ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި ވަގުތީ މަސް މާރުކޭޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ މާރުކޭޓުގެ ކުރެހުން ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރުމަށް އެގްރިމެންޓް ތައްޔާރުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަންނަ ރަމަޟާން މަހުގެ ކުރިން، ގެއަށް ގަންނަ މަސް “ބިންމައްޗަށް ނުލައި، ވެލީގައި ނުހާކަ” ގެއަށް ގެންދަން ލިބޭނެ ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. މިހާރު މަސް ވިއްކަން ބަހައްޓަނީ ގޮނޑުދޮށުގައި ވެލިގަނޑު މަތީގައެވެ.
ކައުންސިލްގެ މަގުސަދަކީ ދަނޑިފަނުގެ ބަދަލުގައި ދަގަނޑުން ހަދައި، ހިޔާކޮށް ތަޅުން އަޅާފައިވާ މަސް މާރުކޭޓެއް ގާއިމުކުރުން ކަމަށް އަލީ ވިދާޅުވި އެވެ. އަދި މި މާރުކޭޓު ހެދުމަށް ކައުންސިލުން ތަކެތި ހޯދައިދިނުމުން މާރުކޭޓު އެޅުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭނެ ފަރާތެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަލީ ވިދާޅުވި އެވެ.
ރައީސް އަލީ ވިދާޅުވީ އެ މާރުކޭޓުގައި މަސް ކަނޑަން 20 ފޫޓްގެ އަށްޓެއްވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެއްފަހަރާ 8 މީހުންނަށް މަސް ކެނޑޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
މިކަމަށް ކައުންސިލްގެ މާލިއްޔާއިން ހަރަދުކުރަން ނިންމާފައިވާއިރު ކައުންސިލުން ދަނީ މާލިއްޔާ މުއްސަނދިކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލަށް ގާބިލުކަން ލިބުނު ވަރަކުން ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކައުންސިލުން ކުރަމުން ގެންދާނެ ކަމަށެވެ.