މީގެ ދިހަ އަހަރު ކުރިން ފެށިގެން ރިސޯޓްތަކާއި ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އަމަލީ މަސައްކަތް ކޮށްފައިނުވާތީ ލީސް އެގްރިމެންޓްތައް ބާތިލް ކުރި ރަށްތަކުގެ ތެރޭގައި ހދ ހޮނޑާފުއްޓާއި އެއަތޮޅު ކުޑަމުރައިދޫ ހިމެނިއްޖެ އެވެ.
ރިސޯޓް ނުހައިގެން ލީސް އެގްރީމަންޓްތައް ބާތިލް ކުރިތަކުގެ ތެރޭގައި ހިމެނެނީ ތ. ކަޅުފަހަލަފުއްޓާއި ނ. ރާފުއްޓާއި ހދ. ހޮނޑާފުއްޓާއި ގއ. ކޮނޑޭމަތީލާބަދޫ އާއި ގއ. ވޮޑަމުލާ އާއި ހދ. ކުޑަމުރައިދޫ އަދި ބ. މުތާފުއްޓެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ރިސޯޓް ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެ ރަށްތައް ހަދަން ދީފައިވާ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވާނޭ ކަމަށެވެ.
އަދި އެ ރިސޯޓްތައް ހެދުމަށް ބޮޑެތި އިނާޔަތްތައް ސަރުކާރުން ދިން ކަމަށާއި އެހެން ނަމަވެސް ސަރުކާރުުން ދިން ކޮންސެޝަންގެ ދަށުން ކުރަންޖެހޭ ކަންކަން ނިންމާފައިވާ ނުވާތީ ލީސް އެގްރީމަންޓްތައް މިއަދުން ފެށިގެން ބާތިލްކުރީ ކަމަށް ބަޔާނުގައި ބުނެފަވެ އެވެ
މީގެ އިތުރުން ގަވައިދުން ކުލި ނުދައްކާ ރިސޯޓްތަކުގެ ލީސް އެގްރިމެންޓް ވެސް ޓޫރިޒަމް މިނިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ. މީގެ ތެރޭގައި ހއ. އަލިދު އާއި އެއަތޮޅު ބީނާފުށި ހިމެނެ އެވެ. އަދި ފ. ފިލިތެޔޮ ރިސޯޓާއި މ. މެދުފުއްޓާއި މ. ކުޑަފުނަފަރާއި އދ. ކުޑަރަށާއި އއ. މަޑޫގަލި ރިސޯޓާއި ޅ. ކަނިފުއްޓާއި އއ. ވެލިދޫ އަދި ބ. ކިހާދުއްފަރު ވެސް ހިމެނެ އެވެ.
ރިސޯޓްތަކުގެ ތެރެއިން ގަވައިދުން ކުލި ނުދައްކާ ރަށްރަށުގެ ލީސް އެގްރީމަންޓް ބާތިލް ކުރުމުގެ ކުރިން ސަރުކާރަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ޓޫރިޒަމުން ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ވެސް ދީފަ އެވެ..
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓުގެ ގޮތުގައި ހިންގަމުންދާ ރަށްރަށާއި އަދި އަލަށް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށްރަށުން ލީސް އެގްރީމަންޓާ ހިލާފަށް ކުލި ނުދައްކައި އަދި ރަށް ތަރައްގީ ނުކުރާ ނަމަ އެގްރީމަންޓުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ. އަދި އެފަދަ ރަށްތައް ސަރުކާރަށް ނަގާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.