ކައުންސިލަކީ ސަރުކާރުފަދަ ބާރުގަދަ ތަނެއް ނޫން ކަމަށާއި ސަރުކާރުން ކައުންސިލަށް ދީފައިވާ މަދު ވަސީލަތްތަކާއި މާލިއްޔާއިން ކުޅުދުއްފުށި ކައުންސިލުން ދަނީ ކުޅުދުއްފުށި ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ނޫހަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އަލީ މުހައްމަދު ވިދާޅުވީ ނިމިދިޔަ އަހަރުވެސް ކައުންސިލުން ވާނީ ރަށުގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި ކަމަށާއި އެ އަހަރު ކައުންސިލުން އިސްކަންދިނީ އެކިކަހަލަ ކޯސްތަކާއި މުބާރާތްތައް ރަށުގައި ބާއްވައި ކްލަބު ޖަމިއްޔާތަކަށް އެހީވުމަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް ގާރީއެއް ކޯހެއް ހިންގާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ހަމައެކަނި އެ ކޯހަށް 80000ރ. ހަރަދުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މި އަހަރު މަސައްކަތް ކުރާނީ އެކިކަހަލަ މަޝްރޫއުތައް ހިންގައި ރަށް ތަރައްގީކުރުމަށް ކަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކައުންސިލަށް ލިބިފައިވާ ކުޑަ މާލިއްޔާއިން ވަރަށް ދަތި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލަށް 9 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭއިރު އެ ބަޖެޓްގެ 7 މިލިއަން ރުފިޔާ ހަރަދު ވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ކަމަށެވެ. ބާކީ އޮންނަ މަދު ފައިސާއިން ރަށުގެ ތަރައްގީއަށް ބޮޑެތި މަޝްރުއު ހިންގުމުގެ ކުޅަދާނަކަން ކައުންސިލްތަކުގައި ނެތް ކަމަށެވެ.
ކައުންސިލްތަކުގެ ބާރު ސަރުކާރުން ހަނި ކުރުމަށް މަސައްކަތްކުރާ ކަމަށާއި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމުމަކީ ކައުންސިލުގެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކައުންސިލަށް ކުރެވޭނެ ކަމަކީ ޕްރެޝަރަކުރުން ކަމަށާއި އެގޮތުން މި ރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކާއި ދިމާވެފައިވާ މައްސަލަތަކަށް ވަކިވަކިން އެކަމަކާ ގުޅޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް އަލީ ވިދާޅުވި އެވެ. އޭގެތެރޭގައި އޭއީސީ ހޯލް ނުހެދި ލަސްވުމާއި އަންހެން އެންމެ ޑޮކްޓަރެއް ހޮސްޕިޓަލްގައި ހުރުމުގެ މައްސަލައާއި ރަށް ގިރުމާއި ބަނދަރު ގިރުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓް މައްސަލާގައި ރައީސް ޔާމީންއާ ބައްދަލުކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ރަށުގެ ތަރައްގީއަށް ކަމެއް ނުކުރާ ކަމަށް ބުނެ ފާޑު ކިޔަމުންދިޔަސް ކައުންސިލުން ދިޔައީ ތަރައްގީއަށް މަސައްކަތްކުރަމުން ކަމަށާއި އަދިވެސް ކުރިއަށް ދާނީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ވަރަށް އަވަހަށް އުތުރު ބަނދަރުގައި އައު ހޮޅިބުރި ތަކެއް ހަރުކޮށް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ބަނދަރުގައި ޕޭވްމަންޓެއް ހެދުމަށްވެސް މަސައްކަތްކުރާ ކަމަށް އަލީ ވިދާޅުވި އެވެ.
އެގޮތުން ޕޭވްމަންޓް އެޅުމަށް އެމްއާރްޑީސީއާ މަޝްވަރާކުރެވެމުންދާ ކަމަށާއި ބަނދަރުގައި ޖެހުމަށް ހަމަޖެހިފައިވަނީ ކޮލެޓީ ލެޑް ބޮކި ކަމަށާއި އެތަކެތި މިހާރު ކައުންސިލަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަސައްކަތް ނިންމާލެވުމުން އުތުރު ބަނދަރު ވަރަށް ރީތިވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުން ވަގުތީ މަސްމާރުކޭޓްގެ މަސައްކަތްވެސް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ތަރައްގީއަށް ފަށާފައިވާ ބިޔަ މަޝްރޫއުތައް ހުއްޓިފައިވާއިރު ރަށުގެ ތަރައްގީއަށް ކައުންސިލުން މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.