ހދ ނޮޅިވަރަމްފަރު ކައިރިން ކިނބުލެއް ފެނިއްޖެ އެވެ.
ނޮޅިވަރަމްފަރުން ވަދާ ގޮސް އުޅުނު ކުޑަ ދޯންޏަކަށް އިއްޔެ ހެނދުނު 9 ޖަހާކަށްހާއިރު ކިނބުލެއް ފެނިފައިވާއިރު ނޮޅިވަރަމްފަރު ކައުންސިލަށް މިކަން އެ އޮނޑިން ވަނީ އަންގާފަ އެވެ.
ނޮޅިވަރަމްފަރު ކައުންސިލް މެމްބަރު ހަމީދު މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަދާ ދިޔަ އޮޑިއަކަށް ކިނބުލެއް ފެނިފައިވަނީ ހަނިމާދޫ އާއި ނޮޅިވަރަމްފަރު ދޭތެރެއިން ކަމަށާއި އެ ކިނގުލުގައި 8 ފޫޓް ހުންނާނެ ކަމަށް އެ އޮނޑިން މައުލޫމާތުދިން ކަމަށެވެ.
ހަމީދު ވިދާޅުވީ ކިނބޫ ފެނުމާ ގުޅިގެން ޕޮލިހަށް އެކަން އެންގި ކަމަށާއި ރަށުގެ ރައްޔިތުން ސަމާލުވެތިބުމަށް ކައުންސިލުން ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ޕޮލިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ނޮޅިވަރަމްފަރު ކައިރިން އިއްޔެގެ ހެނދުނު 9:15ހާއިރު ކިނބުލެއް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށާއި ރަށަށް ކިނބޫ އަރާފައިހުރިތޯ މިހާރު ބަލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ނޮޅިވަރަމްފަރުން ވަދާ ގޮސް އުޅެނިކޮށް ކިނބޫ ފެނިފައިވާ މީހާ ކައިރިން ފުލުހުން ވާނީ މައުލޫމާތު ހޯދާފަ ކަމަށާއި މިހާރު މިކަން އެމްއެންޑީއެފްއަށްވެސް އަންގާފައިވާނެ ކަމަށެވެ.
މި ދުވަސްކޮޅަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ކިނބޫ ފެންނަމުންދާ ދުވަސްކޮޅެކެވެ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކުން ކިނބޫ ފެންނަކަން ފާހަގަކޮށްލެވެ އެވެ.އެގޮތުން ހއ ގެ އެކި ރަށްތައް ކައިރިން ކިނބޫ ފެނިފައިވާއިރު ށ އަތޮޅުންވެސް ވަނީ ކިނބޫ ފެނިފަ އެވެ. ނަމަވެސް މިއިން އެއްވެސް ކިނބުލެއް މިހާތަނަށް ހިފިފައެއް ނުވެ އެވެ.
ހދ އަތޮޅުގެ ރަށަކުން ކިނބުލެއް ފެނިގެން ރިޕޯޓްކުރި މިއީ ފުރަތަމަ ފަހަރެވެ.