ހދ އަތޮޅު ކައުންސިލުން ސްކޮލަޝިޕްގެ 26 ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ ހދ. އަތޮޅު ކައުންސިލާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓް ގުޅިގެން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިފައިވާ ސެޓްފިކެޓް 3 ގެ އޮފީސް މެނޭޖްމަންޓް ކޯހާއި ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވާ ރަށު ކައުންސިލްގެ މުވައްޒަފުންނަށް މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިބްރާހިމް ވިދާޅުވީ ކޮންމެ ރަށަކުންވެސް އެ ރަށެއްގެ ރަށު ކައުންސިލަށް ދެ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ކޮންމެ ކޯހަކަށް ފުރުސަތެކެވެ.
ހދ އަތޮޅުގައި ހިމެނޭ 13 ރަށުގެ ކައުންސިލްގެ މުވައްޒަފުންނަށް މި ފުރުސަތު ހުޅުވާލާފައިވާއިރު މި ދެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިފެބްރުއަރީ މަހުގެ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެ އެވެ.
ބްލޮކް މޯޑަށް ހިންގަން ހަމަޖެހިފައިވާ މި ދެ ކޯސްވެސް އޮންނާނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލަށް ހުޅުވާލެވޭ ސްކޮލަޝިޕް ފިޔަވައި، އޮފީސް މެނޭޖްމަންޓް ކޯހުގެ ސްކޮލަޝިޕްގެ ފުރުސަތު ހޯދާ 12 ފަރާތަށް އަތޮޅު ކައުންސިލުން 1000ރ. އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާއިރު ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ކޯހުގެ ސްކޮލަޝިޕް ފުރުސަތު ހޯދާ ފަރާތްތަކަށް 2000ރ. އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިބްރާހިމް ރަޝިދު ވިދާޅުވި އެވެ.
މި ކޯސްތައް ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާއިރު ސްކޮލަޝިޕް ލިބޭ ފަރާތަކަށް ކޯހުގެ ފީ ހިލޭ ވެގެންދާނެ އެވެ.
ސެޓްފިކެޓް އިން އޮފީސް މެނޭޖްމަންޓް ކޯހުގު ފީ އަކީ 1500ރ. އެވެ. އަދި ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ކޯހުގެ ފީ އަކީ 5000ރ. އެވެ.
ކޮންމެ ކޯހެއްގައި 30 ބައިވެރިންގެ ޖާގަ އޮތްއިރު މިއީ އަތޮޅުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އަތޮޅު ކައުންސިލުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކޯސްތަކެކެވެ.