ކީރީތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުމަށްޓަކައި އެ މަރުކަޒުގެ ކްލާސް ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވެއްޖެ އެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުހައްމަދު އައިމަން ވިދާޅުވީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތެއް ކަމަށްވާ “ހިދުމަތް އިމާރާތު”ގައި ކްލާސް ރޫމެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު ކުރިއަށްދަނީ އާބާތުރަ ފިލުވުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވީ ކްލާސް ރޫމްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މި ކްލާސް ރޫމް ނުނިމުނު ކަމަށްވިއަސް އެ މަރުކަޒުގެ ކޯސްތައް ކުޅުދުއްފުށީގައި ހިންގާނެ ކަމަށާއި ވަރަށް އަވަހަށް ގާރީ ކޯހުގެ ލެވެލް 2 ފަށާނެ ކަމަށް އައިމަން ވިދާޅުވި އެވެ.
ކީރީތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވުމަށްޓަކައި، ކުޅުދުއްފުށީގައި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިދިޔަ އަހަރުގެ އެޕްރީލް މަހު އިއުލާނު ކޮށްފަވެ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އަލީ މުހައްމަދު އޭރު ވިދާޅުވެފައިވަނީ ރަށުގައި ގާއިމުކުރެވޭ ޤުރުއާނާ ބެހޭ މަރުކަޒުން މާލޭގެ ޤުރުއާނާ ބޭހޭ މަރުކަޒުން ދޭ ހުރިހާ ހިދުމަތެއްހެން ދޭނެ ކަމަށެވެ. އެގޮތުން އިމާމުންނާއި މުދިމުން ތަމްރީނު ކުރާ ކޯސްތަކާއި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކޯސްތައް ހިންގާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އަދި މިދިޔަ އޭޕްރީލް މަހު އެ މަރުކަޒު ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ރައީސް ކުރިން ވިދާޅުވި އެވެ.
އެ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްް ހޯދުމަށް ކުރި އިއުލާނަށް، މުއްދަތު ހަމަވި އިރުވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފަހަރަށްވެސް އެ އިއުލާން ކޮށްފައިވެ އެވެ.