މީޑިއާނެޓުން ކޭބަލް ޓީވީގެ ޕެކޭޖުތަކަށް ގެންނަން ހަމަޖައްސާފައިވާ ބަދަލުތަކާއެކު ކުޅުދުއްފުށީގައި އެ ހިދުމަތް ދޭ ކުންފުނިންވެސް އަގުތައް ބޮޑުކުރަން ނިންމައިފި އެވެ.
ކުޅުދުއްފުށީގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ ޗޮއިސް އެންޑް ޕްލަސްއިން ޕެކޭޖްތަކުގެ އަގަށް ބަދަލުގެންނަނީ، މީޑިޔާނެޓުން ޕެކޭޖުތަކަށާއި އަގަށް ގެނައި ބަދަލާ ގުޅިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ނޫހަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މާލޭގައި ހުންނަ މީޑިއާނެޓްގެ އެޗްއާރް އެންޑް އެޑްމިން އީރާޝް ވިދާޅުވީ މީޑިއާނެޓުގެ ޕެކޭޖްތަކުގެ އަގުބޮޑުކުރާ ކަމަށް ނުބުނެވޭނެ ކަމަށާއި ޕެކޭޖްތަކުގެ އަގުގެ އިތުރުން ޗެނަލްތަކާއި ކޮލެޓީވެސް އިތުރުވެގެންދާނެ ކަމަށެވެ.
އީރާޝް ވިދާޅުވީ މީޑިއާނެޓަކީ ކުންފުންޏެއް ކަމަށާއި ވިޔަފާރި ކުރިއެރުވާ ކުންފުނި ދިރުވަން އެ ކުންފުނިންވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނިމިދިޔަ ހަތަރު އަހަރު ތެރޭގައި ރާއްޖޭގެ ޖީއެސްޓީ އާއި އެހެންވެސް ޓެކްސްތައް ބޮޑުކުރުމުންވެސް މީޑިއާނެޓުން އަގަށް ބަދަލެއް ގެނެސްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“އަގު ބޮޑު ކުރަނީއެކޭ ނުދެންނެވޭނެ. އަގަށް ބަދަލުތަކެއް ގެނެވެނީ. މި ގެނެވޭ ބަދަލާއެކު ޗެނަލްތައް ގިނަވެ އަޅުގަނޑުމެން ފޯރުކޮށްދޭ ހިދުމަތް ފެންވަރު ރަނގަޅުވެ ކޮލިޓީވާނެ” އީރާޝް ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި މީޑިއާނެޓް ކޭބަލް އޮޕަރޭޓްކުރާ ޗޮއިސް އެންޑް ޕްލަސްއިން މި ނޫހަށް މައުލޫމާތު ދެމުން ބުނީ މީޑިއާނެޓުން ޕެކޭޖްތަކުގެ އަގު 4 ގުނައަށް ބޮޑުކޮށްފައިވާ ކަމަށާއި ނަމަވެސް ޗެނަލްތައް އިތުރުވެފައިނުވާ ކަމަށެވެ. އަދި ޗެނަލްތަކުގެ ކޮލެޓިއަށާއި ހިދުމަތުގެ ފެންވަރަށްވެސް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޗޮއިސް އެންޑް ކޭބަލްއިން ބުނެ އެވެ.
“ކޮލެޓީ ރަނގަޅުކޮށްފައެއް ނުވޭ. އެއީ ދޮގެއް. އަގު 4 ގުނައަށް ބޮޑުކޮށްފައިވަނީ ޗެނަލްތަކަކަށް ބަދަލެއް ނާދޭ” ޗޮއިސް އެންޑް ޕުލަސްގެ އޮފިޝަލް ވިދާޅުވި އެވެ.
އަންނަ މަހުން ފެށިގެން ޕެކޭޖްތަކުގެ އަގު ބޮޑުވާއިރު ކުރިން 100ރ. ލިބެމުންދިޔަ ޕެކޭޖްގެ އަގު މިހާރު 150ރ. އަށް ބޮޑުވެފައިވާއިރު މި ޕެކޭޖުން ލިބޭނީ 32 ޗެނަލް އެވެ. މި ޕެކޭޖްގައި އެޗްޑީ ޗެނަލެއް ނުހިމެނެ އެވެ.
މިހާރު 150ރ. އަށް ލިބޭ ޕެކޭޖް އަންނަ މަހުން ފެށިގެން 230ރ. ލިބޭއިރު މި ޕެކޭޖްގައި އެޗްޑީ ޗެނަލެއް ނުހިމެނެ އެވެ. މި ޕެކޭޖްގައި ހިމެނެނީ 51 ޗެނަލެވެ. މީގެއިތުރުން 78 ޗެނަލާއެކު 200 ރުފިޔާއަށް ލިބެމުންދާ ޕެކޭޖް އަންނަ މަހުން ފެށިގެން ލިބޭނީ 320ރ. އަށެވެ. މި ޕެކޭޖްގައި 12 އެޗްޑީ ޗެނަލް ހިމެނެ އެވެ.
މީޑިއާނެޓުން ޕެކޭޖްތަކުގެ އަގަށް ގެނަން ނިންމާފައިވާ ބޮޑު ބަދަލާއެކު ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.