ގޭދޮރުމަތީގަައި ހުރި މޭޒެއްގައި ރާ ހުސްކުރި ފުޅިތަކެއް ބަހައްޓައިގެން އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް ލައުޑް ސްޕީކަރުން ގޮވި ހދ. ނައިވާދޫ ޖަވާހިރުމާގޭ އަހްމަދު ފާއިޒްގެ ބަންދުގެ މުއްދަތު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ހައި ކޯޓުން ބުދަ ދުވަހު ކޮށްފައިވާ ހުކުމުގައިވާ ގޮތުން ނައިވާދޫ ޖަވާހިރުމާގޭ އަހްމަދު ފާއިޒް ވަނީ ގޭ ދޮރުމަތީގައި މޭޒެއް ބަހައްޓައި ރާ ބޯން ގެންގުޅޭ ފާޑުގެ ތަށިތަކެއް އެ މޭޒުމަތީގައި ބެހެއްޓުމަށް ފަހު ރާ ހުސްކުރި ފުޅިއަކަށް އެއްޗެއް އަޅައި އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް ސްޕީކަރެއް ބޭނުންކޮށްގެން ގޮވައިފަ އެވެ.
މި މައްސަލަައިގެ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ދިނީ ޖެނުއަރީ 31 އިން ފެށިގެން ތިން ދުވަހުގެ މުއްދަތެވެ. މިއީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކުރި ބަންދެއް ކަމަށް ބުނެ އަހްމަދު ފާއިޒު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ޖެހިގެން އައި ދުވަހު އެވެ.
އަހްމަދު ފާއިޒުގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ އިސްތިހާރުކުރި ކަމަށް ބުނެ ނަމަވެސް އޭނާ ހައްޔަރުކުރީ އަތުގައި އެފަދަ އެއްޗެއް ހުރިތޯ ނުބަލައި ހަމައެކަނި ބަޔަކު ބުނި ބުނުމެއްގެ މައްޗަށް ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރިއިރު، ތުހުމަތާ ގުޅޭ ގޮތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި މިއީ ސިޔާސީ ގޮތުން ކުރި ހައްޔަރެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މިމައްސަލަ ބެލި ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން އޭނާގެ ބަންދަށް ތާއީދުކޮށްފައި ވަނީ ދަށު ކޯޓުން ބަންދު އިތުރުކުރި އިރު އަހްމަދު ފާއިޒަކީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން މުޖުތަމައަށް ނުރައްކާ އޮތް މީހެއްކަން ފުލުހުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުން އެނގެން އޮންނާތީ އެވެ.
އަދި އެކި ވައްތަރުގެ ރާ ލިބެން އެބަހުރި ކަމަށް އަހްމަދު ފާއިޒް ގޮވި ކަމަށާއި ރާހުސްކުރި ދެ ފުޅި ވެސް އޭނާގެ ގޭ ދޮރުމަތިން ފެނުނު ކަމަށް ހެކިބަސް ދޭ މީހުން އެބަތިބިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ބަޔާނުން އެނގޭ ކަމަށް ވެސް ހައި ކޯޓުން ވަނީ ބުނެފަ އެވެ. އަދި ރާ ލިބެން އެބަހުރި ކަމަށް ގޮވި ވަގުތަކީ ނައިވާދޫ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެވަގުތު އެތަނުގައި ތިބި ވަގުތެއް ކަމާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
ކޯޓުން ބުނީ މި ކަންކަމަށް ބަލާއިރު އަހްމަދު ފާއިޒް ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށާއި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގު ކަމަށެވެ.