ތައުލީމީ ގޮތުންނާއި އަހްލާގީ ގޮތުން ޖަލާލުއްދީން ސްކޫލަކީ ރާއްޖޭގައި އޮތް އެންމެ މޮޅު ސްކޫލަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އެސްކޫލް ގެ ޕްރިންސިޕަލް .މަހުދީ ޝާހިދު ވިދާޅުވެއްޖެ އެވެ
ޖަލާލުއްދީން ސްކޫލުގެ 17 ވަނަ އަހަރީ ދުވަހު އެސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހްދީ ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށް ރަށުގެ ހުރިހާ ފަރާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލް މޮޅު ސްކޫލަކަށް ވަނީ ހަމައެކަނި ތައުލީމީ ގޮތުން ކުރިއަރައިގެން ނޫން ކަމަށާއި އެއާއެކު ތައުލީމާ އެކު ދަރިވަރުންގެ އަހްލާގު ވެސް ރަގަޅުކުރަންޖެހޭ ކަމަށެވެ.
މަހުދީ ވިދާޅުވީ އަތޮޅުގެ އެހެން ސްކޫލުތަކުން ޖަލާލުއްދީން ސްކޫލާ ދޭތެރޭ ދެކެނީ ވަރަށް މުހިއްމު ސްކޫލެއްގޮތުގައި ކަމަށާއި އެ ވިސްނާ ވިސްނުން އެއީ ގޯސް ވިސްނުމަކަމަށް ހަދާލައިގެން ނުވާނެ ކަމަށެވެ.
“މި ސްކޫލް ހިންގުމުގެ މަސްއޫލިއްޔަތު އަޅުގަނޑު ބޮލުގައި އެޅިފައިވާއިރު މަސްއޫލިއްޔަތަކީ މުޅި ސަރަހައްދު ތަރައްގީ ކުރުން. މުޅި މި ސަރަހައްދަށް ހިދުމަތް ދިނުމަށް އެޅިފައިވާ މަސްއޫލިއްޔަތެއް” މަހުދީ ވިދާޅުވި އެވެ.
އެގޮތުން ޖަލާލުއްދީން ސްކޫލް މަސައްކަތްކުރަންވާނީ އެއް އަހަރަށްވުރެ އަނެއް އަހަރު ކުރިއެރުމަށް ކަމަށްވެސް މަހުދީ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ޖަލްސާގައި އެސްކޫލްގެ ޓީޗަރުންގެ އިތުރުން ރަށުގެ އިސްވެރިންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
އޭގެ އިތުރުން މިޖަލްސާގައި މިއަހަރު އެސްކޫލުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ދަސްވާރު ޕްރޮގްރާމުގައި ދަރިވަރުން އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ މުއައްސަސާތަކާއި އެކު ވަނީ އެމްއޯޔޫގައި ސޮއި ކޮށްފަ އެވެ.