ހދ މަކުނުދޫގެ ފެން ސްޓޯރޭޖްތަކުން ބޯފެން ހުސްވެފައިވާތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު “ކުޅުދުއްފުށި އޮންލައިންނަށް” މައުލޫމާތު ދެއްވަމުން ވިދާޅުވީ މަކުނުދޫއަށް ވާރޭނުވެހި ގިނަ ދުވަސްތަކެއްވެފައިވާއިރު ރަށުގައި ބޯފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާންގީތަކުން ފެން ހުސްވެ، އެރަށަށް ފެން ބޭނުންވެފައިވާ ކަމަށެވެ.
މުހައްމަދު ވިދާޅުވީ ގިނަ އަދަދެއްގެ ކަންނެލި ބޯޓުތައް ހުކުރު ދުވަހު އެ ރަށަށް ޖައްސާ ކަމަށާއި އެހެންކަމުން އެ އޮނޑިފަހަރަށް ފެން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް ރަށުގެ ބޯފެން ތާންގީތަކުން ފެން ހުސްވެފައިވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެން ހުސްވެގެން މީގެ ދެ ހަފުތާކުރިން ޑިޒާސްޓަރ މެނޭޖްމެންޓަށް 67 ޓަނުގެ ފެން މަކުނުދޫއަށް ފޯރުކޮށްދިނުމަށް އެދި ސިޓިއެއް ފޮނުވާފައިވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް އަދި އެފަރާތުން ސިޓީއަށް ޖަވާބެއް ފޮނުވާފައިނުވާ ކަމަށާއި ފެނުގެ އެހީއެއްވެސް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ފެން ފޯރުކޮށްދިނުމަށް ޑިޒާސްޓަރ މެނޭޖުމެންޓުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ. އަދި ފެނަށް ޖެހިގެން ފެނަށް އެދިފައިވާ ރަށްތަކުގެ ތެރެއިން ދެކުނުގެ ރަށަކަށް މިހާރު ފެން ފޯރުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި ގޭބިސީތަކުގައި ފެން އަދި އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ގޭބިސީތަކުން ފެން ހުސްނުވާ ކަމަށާއި %95 ގެ ގޭގޭގައި 500 ލީޓަރާއި 120 ލީޓަރުގެ ތާންގީތަކުގައި ފެން ހުންނާނެ ކަމަށެވެ. ނަމަވެސް ރަށުގެ ޕަބްލިކް ތާންގީތަކުން ފެން އެއްކޮށް ހުސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަކުނުދޫގެ އިތުރުން ހއ ކެލާއިންވެސް ވަނީ ބޯފެނަށް އެދި ޑިޒާސްޓަރ މެނޭޖްމެންޓުގައި އެދިފަ އެވެ.