ނޮޅިވަރަމް ކައުންސިލްގެ ފަރާތުން މާލޭގެ މިނިސްޓްރީ ތަކާއެކު މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރަކީ ކާމިޔާބް ދަތުރެއްނޫން ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެފި އެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިޔާ ކޯޑިނޭޓާރ އަބްދުއްރަހީމް ވިދާޅުވީ މި ފެބްރުއަރީ މަހު ކުރީކޮޅު ނޮޅިވަރަމް ކައުންސިލުން ކުރި މި ދަތުރަކީ އެ ރަށުގެ ތަރައްގީއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރި ދަތުރެއް ކަމަށެވެ. އެގޮތުން މި ދަތުރުގައި 3 މިނިސްޓްރީއަކާއެކު ވަނީ އެރަށުގެ ތަރައްގީއަށް މިހާރު ކުރުމަށް ހަމަޖެހިފައިވާ ކަންކަމާ މަޝްވަރާ ކޮށްފައި ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެގޮތުން އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރުމާ ބެހޭގޮތުން ހޯމް މިނިސްޓްރީއާ މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އެކަމަށް އަމަލީ ސިފައެއް ގެނެވެންނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ރަށުގައި މިހާރު ފުޓްބޯޅަ ކުޅެމުންދާ ބޯޅަދަނޑު ރަގަނޅު ފެންވަރަކަށް ހެދުމަށްޓަކައި ޔޫތް މިނިސްޓްރީއާ ބައްދަލު ކުރި ނަމަވެސް އެބޭފުޅުންގެ ވިސްނުން ހުރީ މިހާރު އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑު ގާއިމްކުރުމަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް އެންވަރްމެންޓް މިނިސްޓްރީއާ މަޝްވަރާ ކުރެއްވި ނަމަވެސް އެބޭފުޅުންގެ ފަރާތުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށެވެ.