ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށި ކައުންސިލް އަދި ފުލުހުން ގުޅިގެން ކުޅުދުއްފުށީގައި މިއަދު ރެޑީ ކޭމްޕް ފަށައިފި އެވެ.
3 ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ކޭމްޕަކީ ޒުވާނުންނާ ފުރާވަރުގެ ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ގައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައިދޭ ހަރަކާތްތަކެއް ހިމެނޭ ކޭމްޕެކެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 ދަރިވަރުންނަށާއި އެކުދިންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަހްލާގާއި ހަރުދަނާ އުސޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ހަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވުމަށް ބާރުއަޅައިދޭ ހަރަކާތްތަކާއި، ގައުމީ ލޯބި އިތުރު ކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.
މީގެއިތުރުން ދަރިވަރުންނަށް މުހިއްމު ބައެއް ގާނޫނޫތައް ކަމުގައިވާ އާއްމު އިޖްތިމާއީ މިންގަނޑުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާއިބެހޭގޮތުންވެސް މިކޭމްޕުގައި މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކޭމްޕުގައި 89 ދަރިވަރުންގެ އިތުރުން މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވާއިރު ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.