twitterviber whatsapp telegramfacebookyoutube instagram
12th May 2024

“އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހިންގާ ކުށްތައް ހުއްޓުވުމަށް ފަރުދީގޮތުން މަސައްކަތްކުރަން ޖެހޭ”

Feb 22, 2015

މުޖުތަމައުގައި ހިނގާ ގާނޫނާ ގަވައިދާ ހިލާފު އަމަލުތައް ނުވަތަ އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހިންގާ ކުށްތައް އެއީ ފެންނަ ކަމެއް ކަމުގައި ހެދުމަށާއި އެކަންކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި މަސްއޫލިއްޔަތު އަދާކުރަން ފެށުމަށް ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ގޮވާލައްވައިފި އެވެ.

އޭނާ މިހެން ގޮވާލެއްވީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 7 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ ރެޑީ ކޭމްޕް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ފުލުހުންގެ މަސައްކަތަކީ ހަމައެކަނި ފުލުހުންނަށް އަދާކުރެވޭނެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ އެކި ލެވެލްގެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ކަމަށް މުހައްމަދު ރިޔާޒް ވިދާޅުވި އެވެ. އަދި ހާއްސަކޮށް ޒުވާނުންނާއި ފުރާވަރު އުމުރުގެ ކުދިންގެ އެހީ ބޭނުންވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ދަރިންނާ މެދު ބެލެނިވެރިން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ މުޖުތަމައަކީ ވެސް ތަފާތު ކުށުގެ މާހައުލުގައި އުޅޭ މީހުން އުޅޭ ތަނެއް ކަމުގައި ވާތީ އެމީހުންނަކީ އެމީހުންގެ ކަންކަން ފަހިކުރުމަށްޓަކައި ކުޑަކުދިންގެ ބޭނުން ކުރާ ބައެއް. ކުށުގެ ޝިކާރަކަށް ކުދިން ހެދުމަށް ފުރުސަތަކަށް ބަލަބަލާ ތިބޭ ބައެއްކަން ވިސްނަށް ޖެހޭ. އެހެންކަމުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ދަރިންނާ މެދު މިހާރަށް ވުރެ ބޮޑަށް ވިސްނަޖެހޭ” ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިން ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް އެެއްވެސް މީހަކަށް ނެގުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށެވެ. އަދި މިކަމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެންމެ މަތީ ދަރަޖާގައި އަދާކުރަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ފުލުހުން ކުރިއަށްގެންދިޔަ ރެޑީ ކޭމްޕު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–ފޮޓޯ:ވާހިދު

ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައް ފަރުދީގޮތުން ހުއްޓުވޭނެކަމުގެ ގާބިލުކަން ނެތްނަމަ ކަމާ ބެހޭ ފަރާތަކަށް ރިޕޯޓްކޮށް، އެކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެވިދާނެ ކަމަށެވެ. އަދި މީހަކު ނޭދެވޭ ކަމެއް ކުރާތަން ފެންނަ ހިނދު ނަސޭހަތްދީ ކުށުގެ މާހައުލުން އެމީހަކު ދުރުކުރުމަށް ފަރުދީގޮތުން މަސައްކަތް ކުރުމަށް އޭނާ އެދުނެވެ.

“އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހިޔާލަކީ މީހަކު ކުށެއް ކޮށްފިކަމަށްވާ ނަމަ އެ މީހަކަށް ވާންޖެހޭ ގޮތަކީ ޖަލުގަ ބަންދުކުރުމާއި، ކޯޓަށް ގެންގޮސް ހުކުމްކުރުން ކަމަށް. އެއްވެސް ހާލަތެއްގައި މިއަދު ޖިނާއީ އަދުލު އޮތްގޮތެއްނޫން އެއީކީ އެއް. މިއަދުގެ ޖިނާއީ އަދުލުގެ ތެރޭގައި ކުށް ކުރާ މީހުން ކުށުން ދުރުކުރުމަށް ތަފާތު ރިހިބިލިޓޭޝަން ޕްރޮގުރާމުތަކާ ކުށުގެ މާހައުލުން ދުރުކުރާނެ އިތުރު އެހެން ފުރުސަތުތައް ފަހިވެފައިވޭ. އަދި ކުށެއްކުރާ ކޮންމެ ފަހަރަކު އެމީހަކު ހައްޔަރުކޮށް ބަންދުކުރުމުގެ ބަދަލުގައި އެމީހަކަށް ފުރުސަތުދީގެން އެމީހަކު އަލުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ހާއްސަ ޕްރޮގުރާމްތަކެއް އެބަ ހިންގާ” ރިޔާޒު ވިދާޅުވި އެވެ.

ހދ އޭއީސީގައި ފުލުހުން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 89 ދަރިވަރަކު ވަނީ ބައިވެރިވެ ސެޓްޕިކެޓް ހާސިލްކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ މަސައްކަތް ފާހަގަކުރައްވައި، ހދ. އަތޮޅު ތައުލީމީ މަރުކަޒުން ފުލުހުންނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

މި ކޭމްޕަކީ ޒުވާނުންނާއި ފުރާވަރު ކުދިން ހަރުދަނާ ބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ގައުމީ މަސައްކަތުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޒުވާނުންނާ ފުރާވަރުގެ ކުދިން ކުށުގެވެށިން ދުރުވެ ހަރުދަނާ ދަރިވަރެއްގެ ގޮތުގައި ދެމިހުރުމަށް މަގުދައްކައި ދިނުމަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355