ކުޅުދުއްފުށި އޮންލައިން އާއި ލިޓަސް އޮޓޯމޯބައިލްސް ގުޅިގެން ކުޅުދުއްފުށީގައި އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރަން ނިންމައިފި އެވެ.
ރާއްޖޭގެ ޒުވާނުންގެ މެދުގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލިޓަސް އޮޓޯމޯބައިލްސް އާއި ކުޅުދުއްފުށީ އޮންލައިންގެ މެދުގައި ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުޅުދުއްފުށި އޮންލައިން ވެގެންދާނީ ހދ އަތޮޅުގައި ލިޓަސް އޮޓޯމޯބައިލްސްގެ އޮތޮރައިޒްޑް ޑީލަރ އަށެވެ. އަދި ލިޓަސް އިން ވިއްކާ ހުރިހާ މޮޑެލްއެއްގެ ސައިކަލު ވެސް ކުޅުދުއްފުށިން ލިބިގެން ދާނެއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި އޮންލައިންގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މި ޑީލަރޝިޕް އެގްރިމެންޓްގެ ދަށުން ލިޓަސް އިން ވިއްކާ ހުރިހާ މޮޑެލް އެއްގެ ސައިކަލުވެސް މާލޭގައި ވިއްކާ އަގުގައި ކުޅުދުއްފުށިން ލިބިގެންދާނެ އެވެ. އަދި ލިޓަސްގެ އިންސްޓޯލްމަންޓް ޕެކޭޖްތަކުގެ ތެރެއިން ބޭނުން ޕެކޭޖެއް ނަންގަވައިގެން ދިގުމުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރެވޭނެ އެވެ.
ބަދުރުއްދީން ވިދާޅުވީ މިއީ ކުޅުދުއްފުށީގެ ޒުވާނުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ގިނަވެގެން 36 މަސް ދުވަހަށް ސައިކަލުގެ ޕޭމެންޓް ބަހާލުމުން މަހަކަށް ދައްކަންޖެހޭ ބައި ވަރަށް ކުޑަވާނެ އެވެ. މީގެ އިތުރުން މާލެ ދާންނުޖެހި އަދި ސައިކަލު ރަށަށްގެންނަން އެއްވެސް ނާލެއް ދައްކަން ނުޖެހި އެޕްލައި ކުރާތާ ހަފްތާއެއްގެ ތެރޭގައި ސައިކަލު ލިބުމަކީ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.
ކުޅުދުއްފުށި އޮންލައިން ލިޓަސްގެ ޑީލަރަކަށް ވުމުން ސައިކަލް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކުން ކުޅުދުއްފުށި އޮންލައިން އޮފީހަށް ވަޑައިގެން، ސައިކަލަށް އޯޑަރު ކުރެއްވޭނެ އެވެ. އަދި އޯޑަރު ކުރައްވާ ސައިކަލު ރެޖިސްޓްރޭޝަންގެ ކަންތައްތައް ނިންމައި ހަފްތާއެއްގެ ތެރޭގައި ހަވާލު ކުރެވޭނެ އެވެ. އިންސްޓޯލްމަންޓްގެ ފައިސާ ދައްކާނީ ކޮންމެ މަހަކުވެސް ކުޅުދުއްފުށި އޮންލައިން އޮފީހަށެވެ.
ކުޅުދުއްފުށި އޮންލައިން އިން މިހިދުމަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މިހާރުވެސް ސައިކަލަށް އޯޑަރު ދެއްވަން ބޭނުންވާ ފަރާތަކަށް ނަން ނޯޓު ކުރެވޭނެ އެވެ.
ކުޅުދުއްފުށި އޮންލައިން އަކީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ކުޅުދުއްފުށީ ޕަސެންޖަރ ސޭލްސް އޭޖެންޓްވެސްމެއެވެ.