ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ ގުޅިގެން ފެބްރުއަރީ 27 ވަނަ ދުވަހު އިހުތިޖާޖެއް ކުރުމަށް އެމްޑީޕީން ތައްޔާރުވަމުންދާއިރު އެ ދުވަހު ކުޅުދުއްފުށީގައި ވަކި ހަރަކާތެއް ހިންގުމަށް އަދި ރާވާފައިނެތް ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާ އެމްޑީޕީގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި ނޫހުންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ 27 ފެބްރުއަރީގައި މާލޭގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޖަލްސާއަށް މާލެ ވީހާވެސް ގިނަ އެމްޑީޕީގެ މެންބަރުން މާލެ ދިއުމަށް އެ ޕާޓީން ގޮވާލާފައިވާ ކަމަށެވެ.
އެހެންނަމަވެސް ކުޅުދުއްފުށީ އެމްޑީޕީ ގޮފިން އިސްނަގައިގެން އެކަމަށް ހާއްސަކޮށް ބޯޓެއް ހިފައިގެން މެންބަރުން ފޮނުވުމުގެ މަސައްކަތް ކުރަމުންނުދާ ކަމަށް އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުންމީދަކީ ވީހާވެސް ގިނަ މެންބަރުން އަމިއްލައަށް މާލެ ދާނެ ކަމަށެވެ.
އަލީ ވިދާޅުވީ އެދުވަހު ކުރުމަށް ވަކި ކަމެއް އަދި ރާވާފައިނުވިނަމަވެސް އިހުތިޖާޖެއް ނުވަތަ ޖަލްސާއެއް ކުއްލިގޮތަކަށް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީއިން ޖާގަދޭވަރުން އިހުތިޖާޖުކޮށް އަޑުއުފުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ހައްގެއް ކަމަށް އަލީ ވިދާޅުވި އެވެ. އަދި އެ ހައްގުގެ ބޭނުންހިފުމަށް އޭނާ ގޮވާލެއްވިއެވެ.
27 ފެބްރުއަރީގައި އެމްޑީޕީ އަދި ޖޭޕީ ގުޅިގެން ބޮޑު ހަރަކާތެއް މާލޭގައި ހިންގުމަށް ހަމަޖެހިފައިވާއިރު އެ ދެ ޕާޓީއިން ވަނީ ވީހާވެސް ގިނަ ރައްޔިތުން އަތޮޅު ތެރެއިން މާލެއަށް އެ ހަރަކާތުގައި ބައިވެރިވުމަށް ދިއުމަށް ގޮވާލާފަ އެވެ.