twitterviber whatsapp telegramfacebookyoutube instagram
13th May 2024

ނާޖާއިޒު ފައިދާ ހޯދައިދިންކަމުގެ ކުށުގަ އަޕަރ ނޯތް ޔުޓިލިޓީޒްގެ މެމްބަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

Feb 25, 2015

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފައްދެވި އަޕަ ނޯތް ޔުޓިލިޓީޒްގެ ޗެއާމަންއާއި މެނޭޖިން ޑިރެކްޓަރާއި އެކުންފުނީގެ ބޯޑުގައި ހިމެނޭ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ދައުވާކުރަން ފޮނުވާފައިވަނީ އަޕަ ނޯތް ޔުޓިލިޓީޒްގެ އޭރުގެ ޗެއާމަން ހއ. ކެލާ، ފިޔާތޮށިގެ، އަހްމަދު ޝަފީގް އާއި މެނޭޖިން ޑިރެކްޓަރަކީ ހއ. ދިއްދޫ، ބޮކަރުމާގެ، އަބްދުﷲ ވަހީދުގެ މައްޗަށެވެ.

އަދި އޭސީސީން ދައުވާ ކުރަަން ފޮނުވި އޭރު ބޯޑުގައި ހިމެނުނު ތިން މެންބަރުންގެ ތެރޭގައި މިހާރު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ކުޅުދުއްފުށި، ދެރަހަ، އަލީ މުހައްމަދާއި، ހދ. ހަނިމާދޫ، ކޮމެޓް، ޝާހިދު ސަލީމްއާއި، ށ. މިލަންދޫ، ޗާންދަނީގެ، އަލީ ރަޝީދުގެ ހިމެނެއެވެ.

މި ފަސް ބޭފުޅުންގެ މައްޗަށްވެސް އުފުލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.

މި ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުސާރައާއި އިނާޔަތްތައް ނެގި ކަމަށް ބުނެ އޭސީސީއަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ބޯޑު މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތް އެއްހަމައަކަށް ބައްޓަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން އޮނިގަނޑެއް ތައްޔާރުކޮށް އެގޮތަށް އަޕަ ނޯތް ޔުޓިލިޓީޒްގެ ޗެއާމަނާއި، މެނޭޖިން ޑިރެކްޓަރާއި، ބޯޑު މެންބަރުންގެ މުސާރަތައް ބަދަލުކުރުމަށް 19 ޖުލައި 2010ގައި ފިނޭންސް މިނިސްޓްރީން އެކުންފުންޏަށް އަންގާފައިވާ ކަަމަށެވެ. ނަމަވެސް އެ ކުންފުނިން މުސާރައާއި އިނާޔަތް ނަގާފައިވަނީ އެ އޮނިގަނޑާ ހިލާފަށް ކަމަށް އޭސީސީން ބުނެ އެވެ.

އެ އޮނިގަނޑު ހިމަނާފައިވާ ސިޓީ ލިބިފައިވާ ކަމަށް ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ވަހީދު އެއްބަސްވެވަޑައިގެންފައިވާއިރު އެސިޓީ ފޮނުވިތާ 10 މަސް ދުވަސް ފަހުން ބޭއްވުނު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީގެ ސިޓީގައިވާ ގޮތަށް ކުންފުނީގެ ބޯޑު މެންބަރުންގެ މުސާރަތައް ކަނޑައެޅުމަށް ނިންމުމަށްފަހު މުސާރައިގެ އިތުރުން މެނޭޖިން ޑިރެކްޓަރަށް އިދާރީ އެލަވަންސްގެ ގޮތުގައި 10،500 ރުފިޔާ އަދި ޗެއާމަނަށް އިދާރީ އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ހަމަޖައްސާފައިވާ ކަމަށާއި ދައުވާކުރަން ފޮނުވި ހުރިހާ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެފައިވާ ކަަމަށްވެސް އޭސީސީން ބުނެ އެވެ.

އެކޮމިޝަނުން ބުނީ 19 ޖުލައި 2010 އިން ފެށިގެން 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތަށް މުސާރަތައް ހަމަޖައްސަން ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އެ މުއްދަތުގެ ތެރޭގައި މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި އިނާޔަތަށް ވުރެ އިތުރަށް 198،083.33 ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި ކުންފުނީގެ ޗެއާމަނަށް ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި އިނާޔަތަށް ވުރެ އިތުރަށް 136،283.33 ރުފިޔާ ނަގާފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ކަނޑައެޅި އޮނިގަނޑަށް ވުރެ އިތުރަށް މި ހުރިހާ ބޭފުޅުންނަށް ދީފައިވާ ފައިސާ ޝަރީއަތް މެދުވެރިކޮށް ދައުލަތަށް އަނބުރާ ހޯދުމަށް ދައުވާކޮށްދިނުމަށްވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355