twitterviber whatsapp telegramfacebookyoutube instagram
14th May 2024

ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލައި ބަޔާން ނެރުނީ 2 ކައުންސިލަރެއްގެ ތާއީދު ނެތި

Feb 26, 2015

ރައީސް ނަޝީދު ވަގުތުން ދޫކޮށްލެއްވުމަށް ގޮވާލައި ކުޅުދުއްފުށީ ކައުންސިލުން ބަޔާން ނެރުނީ 2 ކައުންސިލަރެއްގެ ތާއިދު ނެތިކަން އެނގިއްޖެ އެވެ.

7 މެމްބަރުން ތިއްބަވައި ކުޅުދުއްފުށީ ކައުންސިލަކީ އެމްޑީޕީގެ އަޣުލަބިއްޔަތު ލިބިފައިވާ ކައުންސިލެކެވެ. ރައީސް ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލައި ކައުންސިލުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނަށް ތާއިދު ނުކުރެއްވީ އެކައުންސިލުގައި އިންނަވާ ޕީޕީއެމް މެމްބަރު އައިމިނަތު މަޖީދާ އާއި މިނިވަން މެމްބަރެއްގެ ގޮތުން އިންތިހާބުވި އިބްރާހިމް އައްބާސް އެވެ.

ބަޔާނަށް ތާއިދު ކުރެއްވީ ކައުންސިލުގެ އެމްޑީޕީ ހަތަރު މެމްބަރުންނާއި ޖޭޕީގެ މެމްބަރެވެ.

ކައުންސިލުގެ ރައީސް އަލީ މުހައްމަދު ބަޔާން ތައްޔާރުކުރެއްވުމަށް ފަހު ކައުންސިލު މެމްބަރުންނާއި ހިއްސާކުރެއްވުމަށް ބޭއްވި ޖަލްސާގައި އެ ބަޔާން ކުޅުދުއްފުށީ ކައުންސިލްގެ ނަން މަތީގައި ނެރުމަށް ކައުންސިލަރު މަޖީދާ އާއި އިބްރާހިމް އައްބާސް ދެކޮޅު ހެއްދިވި އެވެ.

ބޮޑު އަޣުލައްބިޔަތާކާ އެކު ކައުންސިލު ގޮޑި ކާމިޔާބުކުރެއްވި އައިމިނަތު މަޖީދާ ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލައި ކައުންސިލުން ނެރުނު ބަޔާނަކީ އެމްޑީޕީގެ އަޣުލައްބިޔަތާ އެކު ނެރުނު ބަޔާނެކަމަށާއި އެބަޔާން ނެރުމަށް އެވަގުތު ވެސް ތާއިދު ނުކުރައްވާ ކަމަށް މަޖީދާ ވިދާޅުވި އެވެ.

އަދި ކުޅުދުއްފުށީ ކައުންސިލުގެ ނަން މަތީގައި އެ ބަޔާން ނެރުމުން އެކަމަށް ތާއިދު ނުކުރާ 2 މެމްބަރުންގެ ހައްގު ގެއްލިފައިވާކަމަށް ވެސް މަޖީދާ ވިދާޅުވި އެވެ. މަޖީދާ ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކުރައްވައިގެން އުޅުއްވަނީ ރައީސް ޔާމީން ނޫން ކަމަށާއި އެފަދަ ކަންކަމުގެ ތެރެއަށް ކައުންސިލުން ވަނުމުގެ ބަދަލުގައި ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ކުރަން ލާޒިމްކޮށްފައިވާ ކަންތައް ކުރުން މުހިއްމު ކަމަށެވެ.

މަޖީދާ ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރެވިފައިވަނީ އެންމެ ފަހަރަކު ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލުގައި އޮތް ނަމަވެސް އެބޭފުޅުން އިންތިހާބުކޮށްފައިވަނީ ހަމައެކަނި އެމްޑީޕީގެ އާއްމު މެންބަރުން ވޯޓްދީގެން ނޫން ކަމަށާއި މިގޮތަށް ނެރޭ މިފަދަ ބަޔާންތަކުގެ ސަބަބުން އެތައް ރައްޔިތުންގެ ހައްގު ގެއްލޭ ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނާނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށާއި ޕީޕީއެމް ދިފާއު ކުރަން ޖެހުނު ކޮންމެ ތަނެއްގައި ސާބިތުވެ އެގޮތުގައި ހުންނަވާނެ ކަމަށް މަޖީދާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލަށް އެންމެ ގިނަ ބައެއްގެ ވޯޓާ އެކު އިންތިހާބުވި މިނިވަން މެމްބަރު އިބްރާހިމް އައްބާސް ވިދާޅުވީ ކުޅުދުއްފުށީގައި އެމްޑީޕީގެ ގޮތްޕެއް އޮންނައިރު އެގޮފިން އެކަން ކުށްވެރިކޮށްފައިނުވާއިރު އެފަދަ ބަޔާނެއް ކުޅުދުއްފުށީ ކައުންސިލުން ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބަޔާނަށް ތާއިދު ނުކުރައްވައި މެމްބަރުން އެގޭނެ ފަދަ ގޮތެއް ބަޔާނުގައި ހިމަނާނެ ފުރުސަތެއް ނުދީ ކައުންސިލުގެ ރައީސް ބަޔާން ނެރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ބަޔާނުގައި ކުރީގެ ރައީސް ނަޝީދުގެ ނަމުގެ ކުރިއަށް “ރައީސް” ލަފްޒުލެއްވިއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގެ ކުރިއަށް އެލަފްޒުނެތް ކަން އޭނާ އެ ޖަލްސާގައި ފާހަގަކުރައްވި ކަމަށާއި ނަމަވެސް އެކަމަށް ބަދަލު ގެންނަވާފައި ނުވާ ކަމަށެވެ.

އިބްރާހިމް އައްބާސް ވިދާޅުވީ ޖިނާއީ ކުށްތައް ސަރުކާރުން ތަންފީޒުކުރަން މަސައްކަތް ކުރައްވާއިރު ކައުންސިލުން އެފަދަ ކަންކަމުގެ ތެރެއަށް ވަދެ ބަސްކިޔުމަށް ވުރެ ކައުންސިލުން ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ މަސައްކަތްކުރުން މުހިއްމުން ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ކައުންސިލު މެމްބަރަކާ ދެމެދު ޒާތީ ގޮތުން ދެކި ނުލައްވާ ކަމަށެވެ.

ރައީސް ނަޝީދާ ދެކޮޅަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެމަނިކުފާނު ވަގުތުން ދޫކޮށްލެއްވުމަށް ގޮވާލައި ކުޅުދުއްފުށީ ކައުންސިލުން ބަޔާން ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ކައުންސިލުގެ ރައީސް ސޮއިނުކުރައްވައި ނެރުނު އެބަޔާނަކީ އެމްޑީޕީގެ 4 މެމްބަރުންނާއި އެކައުންސިލުގައި ހިމެނޭ ހަމައެކަނި ޖޭޕީ މެމްބަރުގެ ތާއިދާ އެކު ނެރުނު ބަޔާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355