twitterviber whatsapp telegramfacebookyoutube instagram
13th May 2024

ކުޅުދުއްފުށީގައި ހުއްޓިފައިވާ 13 މަޝްރޫއުއެއް ފާހަގަކޮށް ރައީސްގެ އަތްފުޅަށް އެރުވި ސިޓީގެ ޖަވާބެއް ނުލިބޭ

Mar 1, 2015

ކުޅުދުއްފުށީގައި ފަށުމަށްފަހު ހުއްޓިފައިވާ މަޝްރޫއުތަކާއި ކުޅުދުއްފުށީ ރައްޔިތުން މިހާރު އެންމެ ބޭނުންވާ ކަންތައްތަކާއި ކައުންސިލަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް ރައީސް އަބުދުﷲ ޔާމީންގެ އަތްޕުޅަށް މިދިޔަ ނޮވެމްބަރުމަހު އެރުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ކުރީކޮޅު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނުގެ އަތްފުޅަށް ކައުންސިލުން އެރުވި ސިޓީގައިވާ މުހިއްމު 13 މަޝްރޫއުއަކީ ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތްތައް، ކުޅުދުއްފުށީ ބަނދަރުގެ ދަތިކަން ހައްލުކުރުން، މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ނެތުމުން ދިމާވާ ދަތިކަން، ޕްރީ ސްކޫލުގެ ތައުލީމް ހިލޭ ލިބޭނޭ އިންތިޒާމް ހަމަޖެއްސުން، ލޯކަލް ޓުއަރިޒަމް ވަޒީފާގެ ފުރުސަތުތައް ރަށާއި އަތޮޅު ތެރެއިން ހަމަޖެހިގެން ދިއުން، ޔޫތް ސެންޓަރުގެ ހިދުމަތް، ކުޅުދުއްފުށީގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ކުޅުދުއްފުށީގެ ސިއްހީ ނިޒާމް ރަގަޅުކުރުން، ކުޅުދުއްފުށީ އުތުރު ބަނދަރާއި ވެލިގަނޑު ގިރާ މައްސަލަ ހައްލުކުރުން، ކުޅުދުއްފުށީ ބިމުން މިވަގުތަށް ދެވެންހުރި އެންމެ ގިނަ އަދަދަކަށް ގޯތި ދޫކުރުން، ކައުންސިލުގެ ރައްޔިތުންގެ މާލިއްޔާ މުއްސަނދިކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމެވެ.

ހުއްޓިފައިވާ އެއްވެސް މަޝްރޫއެއް ފެށިފައިނުވާއިރު ފާހަގަކުރި މައްސަލަތަކާއި ކަންބޮޑުވުންތަކަށްވެސް ހައްލެއް ލިބިފައިނުވާ ކަމަށް އަލީ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ފިކުރަށްވީ ނަމަވެސް ކައުންސިލުން އެއްބާރުލުންނުދީގެން އެއްވެސް ކަމެއް ނުކުރެވިފައި ނޯންނާނެ ކަމަށެވެ. ކައުންސިލުން ސަރުކާރަށް “މެކްސިމަމް” އެއްބާރުލުން ދެމުންގެންދާ ކަމަށާއި އެކަމުގެ ޔަގީންކަން ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމާ ބެހޭގޮތުން ރައީސް ޔާމީން ސިޓީއެއް ފޮނުވުމަށް ކައުންސިލަށް އެންގި ކަމަށާއި އެގޮތުގެ މަތިން ކުޅުދުއްފުއްޓަށް އެއާޕޯޓްގެ މުހިންމު ކަމާއި އެކަމަށް ރައްޔިތުން އެދޭ މިންވަރު ބަޔާންކޮށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެ ސިޓީއަށްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ކައުންސިލުން ހދ އޭއީސީގައި ކުލާސްރޫމްތަކެއް ގާއިމުކުރުމަށްއެދި ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީއަށް ޖަވާބު ލިބިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އެ ސިޓީގެ ޖަވާބުގައި އެ ކުލާސްރޫމްތައް އޭއީސީގައި ގާއިމުކުރެވެން ނެތް ކަމަށާއި 2016 ވަނަ އަހަރަށް އަފީފުއްދީން ސްކޫލްގައި ކުލާސްރޫމްތަކެއް އަޅާނެ ކަމަށް ބުނެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އޭއީސީގައި މަދުނުވާ ވަރަށް ކުލާސްރޫމް ޖާގަ ހުރި ކަމަށް ސިޓީގެ ޖަވާބުގައި ބަޔާންކޮށްފައިވާއިރު އަފީފުއްދީން ސްކޫލްގައި ކުލާސްރޫމްތައް ގާއިމުކުރުމުން ކުޅުދުއްފުށީ ސްކޫލްތަކަށް ޖާގަގައިގެ ދަތި ކަމެއް ނާންނާނެ ކަމަށް އެ ސިޓީގެ ޖަވާބުގައިވެއެވެ.

ރައީސް ޔާމީންގެ އަތްޕުޅަށް އެރުވި ސިޓީގައި ކުޅުދުއްފުށީގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355