ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސްކޫލްތަކަށާއި ޤުރުއާން ކުލާސްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގެ އެއްވަނަ ޖަލާލުއްދީން ސްކޫލްގެ ސަމްހާ އަލީ ރިޒާ ހޯދައިފި އެވެ.
ކުޅުދުއްފުށީ ހިރި ސަމްހާ ދެ ގޮފި އެއްކޮށް މުޅި މުބާރާތުގެ އެއްވަނަ ހޯދާފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަވެސް ހާސިލުކޮށްފައިވަނީ ސަމްހާ އެވެ.
މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ތިލަދެކުނު ސިނަމާގައި ކުރިއަށްދިޔަ މި މުބާރާތުގެ ދެވަނަ އަފީފުއްދީން ސްކޫލްގެ އާމިނަތު ޝާދާ ވަހީދު ހޯދާފައިވާއިރު ތިންވަނަ ހާސިލުކޮށްފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އަހުމަދު ބިން ހަމްޒާ އެވެ.
ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ އޭއީސީގެ މުހައްމަދު އައްމާރު އަހުމަދު ނަސީމް ހާސިލުކުރިއިރު ދެވަނަ ހޯދާފައިވަނީ އަފީފުއްދީން ސްކޫލްގެ އާމިނަތު އިބާ އާދަމް އެވެ. އަދި ތިންވަނަ ހޯދާފައިވަނީ އަފީފުއްދީން ސްކޫލްގެ މުހައްމަދު ސަމްވީލް އާދަމް ވަހީދެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ އަފީފުއްދީން ސްކޫލްގެ އާމިނަތު ޝާދާ ވަހީދު ހޯދާފައިވާއިރު ތިންވަނަ ހޯދީ އޭއީސީގެ އަހުމަދު ބިން ހަމްޒާ އެވެ.
މުޅި މުބާރާތުގެ އެއްވަނަ ސްކޫލަކަށް އަފީފުއްދީން ސްކޫލް ހޮވިފައިވާއިރު ދެވަނަ ސްކޫލަކީ ޖަލާލުއްދީން ސްކޫލެވެ. އަދި ތިންވަނަ ހާސިލުކޮށްފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ.
އެންމެ މޮޅު ސްކޫލަކަށް ހޮވުނު އަފީފުއްދީން ސްކޫލަށް ތަށި ހަވާލުކޮށްދެނީ–ފޮޓޯ:ނާޒިމް
އިއްޔެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ތިލަދެކުނު ސިނަމާގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް އެވެ. ހާއްސަ ވަނަތައް ކާމިޔާބުކުރި ދަރިވަރުންނަށް މެޖިސްޓްރޭޓް ޓްރޮފީ ހަވާލުކޮށްދެއްވިއިރު އެހެނިހެން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން އެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ދާރުއްސަލާމް ހުސެއިން އަހުމަދާއި ލަވްނެސްޓް އާމިނަތު ޝިފާ ހަސަން އާއި އެމަރަލްޑް ޔުމްނާ އަބޫބަކުރު އަދި އުސްތާޛް އަލްހާފިޒް ސައްޔިދު ހަލީޤުއްރަހުމާން އެވެ.
ކުޅުދުއްފުށީ ވަފާ ފިހާރައިން މުބާރާތަށް ވެދެއްވި އެހީތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ ފިހާރައަށް ކައުންސިލްގެ ފަރާތުން ވަނީ ހަނދާނީ ފިލާއެއް އަރުވާފަ އެވެ.
ކުޅުދުއްފުށީގެ 5 ސްކޫލް ކަމަށްވާ ޖަލާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު، އަމީރު އަމީން ސްކޫލް އަދި އިރުމަތި އަވަށު ޕްރީ ސްކޫލް އިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު ކުޅުދުއްފުށީގެ އުލޫމުލް ޤުރުއާން ކުލާހުންވެސް މި މުބާރާތުގައި ދަރިވަރުން ބައިވެރިވި އެވެ.
ޖުމްލަ 62 ދަރިވަރުން ބައިވެރިވި މި މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންނަށް އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ
[yass cats=168]