ށ ގޮއިދޫއަށް ކިނބުލެއް އަރާފައިވާކަމުގެ ނިޝާންތައް ފެނުމާއެކު އެ ރަށު ރައްޔިތުން ސަމާލުވެތިބުމަށް ގޮއިދޫ ކައުންސިލުން އަންގައިފި އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ މިއަދު ފަތިހު ގޮނޑުދަށަށް ހިނގަން ދިޔަ ދެ މީހަކަށް މި ނިޝާނަތައް ފެނިގެން ކައުންސިލަށް އެކަން އަންގާފައިވަނީ ހެނދުނު 6 ޖަހަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުން އެ ނިޝާންތައް ބެލިބެލުމުންވެސް ތަފާތުތަކެއް ފެނުނު ކަމަށާއި ގޮއިދޫއަކީ ވަރަށް ގިނައިން ވެލާ އަރާ ރަށެއް ކަމުން އެއީ ވެލާގެ ނިޝާންތަކެއް ނޫންކަން އެނގޭ ކަމަށެވެ. އަދި އެ ނިޝާންތަކަކީ ކިނބުލެއްގެ ނިޝާންތައް ކަމަށް ބެލެވޭ ކަމަށެވެ.
އިބްރާހިމް ޝާހިދު ވިދާޅުވީ އެ ނިޝާންތައް ރަށުގެ ދުވަސްވީ މީހުންނަށް ދެއްކުމުން އެ ފަރާތްތަކުންވެސް އެއީ ވެލާގެ ނިޝާންތަކެއް ނޫން ކަމަށް ބެނެފައިވާ ކަމަށާއި އެންމެ ވައްތަރީ ކިނބުލެއްގެ ނިޝާންތަކެއް ކަމަށްވެސް ބުނެފައިވާ ކަމަށެވެ.
ގޮއިދޫއަށް ކިނބުލެއް އަރާފައިވާ ކަމަށް ބެލެވޭ ސަރަހައްދު
ނިޝާންތައް ފެނުމުން ރަށުގެ އަންހެނުންނާއި ކުޑަކުދިންނަށް ބިރުވެރިކަމެއް އިހުސާސް ކުރެވިފައިވާ ކަމަށާއި އެހެންނަމެވެސް ރަށު ތެރޭގައި މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނިޝާންތަކުން އެނގެނީ ރަށުގެ ގުންޑޮޅިއާ ހަމައަށް އެރުމަށްފަހު ރަށުން ފައިބައިގެން ގޮސްފައިވާކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ނިޝާންތައް ފެނުމާއެކު ފުލުހުންގެ އިރުޝާދާއު އެހީ ހޯދުމަށް ފުލުހުންނަށް މިކަން އެންގި ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުން ފައިބައިގެން ގޮސްފައިވާކަން އެނގެން ހުރުމުން ކިނބޫ ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށާއި މޫދަށް އެރިގެން ހޯދުމުގެ މަސައްކަތްކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެ މަސައްކަތްވެސް ނުކުރާ ކަމަށެވެ. ރަށުން ފައިބައިފާ ހުރުމުން ފުލުހުން ރަށަށް ނު ފޮނުވާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ އިރުޝާދު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮނޑުދޮށަށާއި މޫދަށް ދިއުމުގައި ސަމާލުވުމަށާއި ރައްކާތެރިވެ ތިބުމަށް ކައުންސިލްގެ ފަރާތުން ރަށުގެ ހުރިހާ ރައްޔިތުންނަށް އަންގާފައިވާނެ ކަމަށާއި މިކަމާބެހޭ ހުރިހާ މައުލޫމާތެއް ރައްޔިތުންނާ ހިއްސާކުރަމުންދާ ކަމަށެވެ.
މިފަހަކަށް އައިސް އުތުރުގެ ހިސާބުތަކުން ގިނަ އަދަދަކަށް ކިނބޫ ފެނިގެން ރިޕޯޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.