ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހޮސްޕިޓަލުގައި ކުރަންޖެހޭ މަރާމާތުތައް މި ކްއާޓާގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވެއްޖެ އެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހުސެއިން ރަޝީދު ވިދާޅުވީ ހޮސްޕިޓަލަށް ބޭނުންވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރި އިއުލާން ކުރެވިފައިވާނެ ކަމަށެވެ. އަދި ބިޑް އިވޭލުއޭޓްކޮށް މަސައްކަތް ބަޔަކާ މި މަހުގެ ތެރޭގައި ހަވާލުކުރުމަށް މަސައްކަތްކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އުއްމީދަކީ މި ކުއާޓާގެ ތެރޭގައި މަސައްކަތް ފެށި މަރާމާތުގެ މަސައްކަތްތައް ނިންމާލުން ކަމަށެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާއިރު އަންދާސީ ހިސާބު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 11 ވަނަ ދުވަހެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން މިއަހަރުގެ ބަޖެޓްގައި ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް 8 މިލިއަންނަށް ވުރެ ގިނަ ރުފިޔާ ބަޖެޓްގައި ހިމަނާފައިވެ އެވެ.
ކުޅުދުއްފުށީގައި 24 ގަޑިއިރު ފުރިހަމައަށް ހިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއް މިއަހަރުގެ މެދެއްހާ ހިސާބު ގާއިމް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެފައިވެ އެވެ.