ހދ. ކުޅުދުއްފުށީގައި އިމާރާތް ކުރާ މެޓަރނިޓީ ހޯމްގެ އިމާރާތް އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ހުޅުވޭނެކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ކުޅުދުއްފުށީ އޮންލައިނާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މެޓަރނިޓީ ހޯމް ހުޅުވުމުގެ ރަސްމިޔާތު އޮންނާނީ ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ ރަސްމިޔާތުތަކުގެތެރެއިން ކަމަށެވެ. މި އިމާރާތަކީ އިޓަލީގެ އަމިއްލަ ޖަމާއަތެއްކަމަވާ ކަރިޓަސް އިޓާލިޔާނާ ގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ އިމާރާތެކެވެ.
ތޭރަ ކޮޓަރި ހިމެނޭ ދެބުރީގެ މި އިމާރާތުގައި ކެފޭއަކާއި ފެމެލީ ވެއިޓިން އޭރިއާއެއް ހިމެނެއެވެ. މި އިމާރާތަށް ގާތްގަނޑަކަށް ތޭރަ މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ވެއިޓިން ހޯމަކީ 2011 ވަނަ އަހަރު ޖޫން މަހު ބިންގާ އެޅި އިމާރާތެކެވެ. ނަމަވެސް ބިންގާ އެޅުމަށް ފަހު ޢިމާރާތުގެ ޢަމަލީމަސައްކަތް ނުފެށި ގިނަދުވަސްތަކެއް ފާއިތުވެފައި ވެއެވެ.
އަދި ދެހާސްތޭރަވަނަ އަހަރުގެ ފެބްރުއަރީ މަހު މި ޢިމާރާތުގެ ޢަމަލީ މަސައްކަތް އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ފައްޓަވައި ދެއްވިއެވެ. ނަމަވެސް އެއަށްފަހުވެސް މިޢިމާރާތުގެ މަސައްކަތް ނިންމުމަށް ދެއަހަރަށްވުރެ ގިނަދުވަސް ނަގާފައި ވީއިރު މި އިމާރާތުގެ ހިދުމަތް ލިބިގަންނަން ތިބި މިސަރަހައްދުގެ ގިނަ ރައްޔިތުން ތަކެއް އެކަމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
މެޓާރނިޓީ ވެއިޓިންގ ހޯމަކީ އެހެން ރަށްރަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއަށް ފަރުވާހޯދުމަށް އަންނަ މާބަނޑުމީހުންނާއި ވިހެއުމަށްފަހު އިތުރަށް ކުޅުދުއްފުށީގައި މަޑުކުރަންޖެހޭ މީހުންނަށް އެކޮމޮޑޭޝަން ދިނުމުގެ ގޮތުން ތައްޔާރުކުރެވޭ އިމާރާތެކެވެ.