twitterviber whatsapp telegramfacebookyoutube instagram
11th May 2024

މިސްރުގައި މުޅިން އައު ކެޕިޓަލް ސިޓީއެއް ބިނާކުރަނީ

Mar 15, 2015

މިސްރުގެ ވެރިރަށް ގާހިރާ ނުވަތަ ކައިރޯގެ އާބާދީ އިންތިހާއަށް ގިނަވެ އެ ރަށް ތޮއްޖެހިފައިވާތީ މިސްރުގެ ސަރުކާރުން އައު ކެޕިޓަލް ސިޓީއެއް ބިނާކުރުމަށް ނިންމައިފި އެވެ.

މިސްރުގެ ހައުސިން މިނިސްޓަރ މުސްތަފާ ވިދާޅުވެފައިވަނީ އައު ކެޕިޓަލް ސިޓީއެއް ބިނާކުރުމަށް ހިންގާ މި ޕްރޮޖެކްޓަކީ 45 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓް ނިންމުމަށް 5 އަހަރާއި 7 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

މި ސިޓީ ބިނާކުރުމުގެ މަގުސަދަކީ ކައެރޯއަށް ދިމާވެފައިވާ ތޮއްޖެހުމާއި އާބާދީ އިންތިހާ ގިނަވެފައިވާ މައްސަލަ ހައްލުކުރުން ކަމަށް މުސްތަފާ ވިދާޅުވެއެވެ.

އިންވެސްޓްމެންޓް ކޮންފަރެންސެއްގައި އިއުލާންކުރި މި ޕްރޮޖެކްޓްގެ ދަށުން ބިނާކުރާ އައު ސިޓީގައި ދެހާހެއްހާ ސްކޫލާއި ކޮލެޖްތައް އަދި 600 އަށްވުރެ ގިނަ ހެލްތް ކެއަރ ފެސިލިޓީތައް ގާއިމުކުރެވޭނެއެވެ. އަދި މިލިއަނަކަށްވުރެ ގިނަ ވަޒިފާގެ ފުރުސަތުވެސް މި ސިޓީ ބިނާކުރުމުން ހުޅުވިގެންދާނެއެވެ.

ޕްލޭން ކޮށްފައިވާ ގޮތުން 700 އަކަ ކިލޯމީޓަރުގެ މިސިޓީ ހެދުމުން 5 މިލިއަން ގެ ބިނާކުރެވޭނެއެވެ.

މި ސިޓީއަށް ކިޔާނެ ނަމެއް އަދި ހަމަޖެހިފައިނުވާއިރު މި ސިޓީ ބިނާކޮށް ނިމޭއިރު މި ސިޓީގެ ބޮޑުމިން ސިންގަޕޫރަށްވުރެ ބޮޑުވާނެއެވެ.

މިސްރުގެ ވެރިރަށް ކައެރޯގެ އާބާދީ މިހާރު 18 މިލިއަނަށް އަރާއިރު ކުރިއަށް އޮތް 40 އަހަރު ތެރޭގައި އާބާދީ ދެގުނަ އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޔޫއެސްގެ ސެކްރެޓްރީ އޮފް ސްޓޭޓްސް ޖޯން ކެރީ މިކަމަށް މަރުހަބާ ކިޔާފައިވާއިރު ސައުދި އަރަބިއްޔާ، ކުއޭތް އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިން ވަނީ މި އައު ސިޓީގައި ބޮޑެތި އިންވެސްޓްމެންޓްތައް ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

ދާހިލީ ހަމަނުޖެހުން ހިނގާތާ އަހަރުތަކެއްވެފައިވާ މިސްރުގެ މިހާރުގެ ސަރުކާރުން ދަނީ ވެއްޓިފައިވާ މިސްރުގެ އިގުތިސާދު ކޮޅަށްޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނައިޖީރިއާ، މިޔަންމާ، ރަޝިޔާ އަދި ބްރެޒިލްއިން ވެސް ވަނީ މީގެކުރިން ވެރިކަންކުރާ ކެޕިޓަލް ސިޓީ ބަދަލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355