ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކުރި ށ އަދި ހދ ގެ ފަސް ރަށާމެދު ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ލިރާރް ވިދާޅުވެއްޖެ އެވެ.
މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލިރާރް ވިދާޅުވީ މިނިސްޓަރ މި ފަސް ރަށާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ރަށްތައް ތަރައްގީކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރައްވާނީތޯ ނުވަތަ ކުރިން އިއުލާނަށް ޕްރޮޕޯސަލް ހުށައެޅި ފަރާތަށް ރަށް ދޫކުރާނީތޯ އަދި ނުނިއްމާ ކަމަށް ލިރާރް ވިދާޅުވި އެވެ.
ރަށްތަކާމެދު ވަކި ގޮތެއް ނިންމަވާނީ މިނިސްޓަރ އަދީބު ކަމަށް ލިރާރް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އިއުލާން ކުރައްވާނެ ވަކި ތާރީހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ށ އަދި ހދ އަތޮޅުގެ ފަސް ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ އިއުލާން ވަނީ މީގެކުރިން ބާތިލް ކޮށްފަ އެވެ.
ޝައުގުވެރިވާ ފަރާތައް ހޯދުމަށް މިދިޔަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އެހެންނަމަވެސް އެފަރާތުގެ ކްރައިޓީރިއާ ހަމަނުވާތީ ޕްރޮޕޯސަލް ވަނީ ކެންސަލް ކޮށްފަ ކަމަށް ލިރާރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އިއުލާންކުރެވުނީ ހދ. ދިއްޕަރުފުއްޓާއި ކަނަމަނައިގެ އިތުރުން ކުޑަފަރުފަސްގަނޑާއި ހދ އަތޮޅުގައި އޮންނަ ޖޮގްރަފިކް ފަޅެއް ކަމަށްވާ ކުޑަފަރުފަސްގަނޑުގެ އިތުރުން ށ. ބޮލިއްސަފަރު އެވެ.