މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ދިރާގު 3ޖީ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން 21 ރަށަކަށް މިއަދު މި ހިދުމަތް ދިރާގުން ފޯރުކޮށްދޭން ފަށައިފި އެވެ.
ދިރާގުން ބުނީ މި މަޝްރޫއަކީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމަށް ދިރާގުން ފެށި މަޝަރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު މިހާ ފުރިހަމަ އަށް ހަލިވުކަމާއެކު ކުރިއަށް ދަނީ ރަށު ކައުންސިލްތަކުންނާއި ރަށްރަށުގެ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށްވެސް ދިރާގުން ބުނެ އެވެ.
މި މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، ދިރާގު ޑައިރެކްޓަރ ނެޓްވޯކްސް މުހައްމަދު މުއްސަދު ވިދާޅުވީ މުޅި ރާއްޖެއަށް ދިރާގު ތްރީޖީ ހިދުމަތް ދިނުމަށް މިހާރު ކުރިއަށް މިގެންދާ މަޝްރޫއަކީ، 2015 ވަނަ އަހަރު ދިރާގުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓް ކަމަށާއި އެގޮތުން މި މަޝްރޫގެ 25 އިންސައްތަ ނިމި މިހައަރުތެރޭގައި މިހާތަނަށް 21 ރަށަކަށް ދިރާގު ތްރީޖީ ބްރޯޑްބޭންޑް ހިދުމަތް ދެވިފައިވާ ކަމަށެވެ. އަދި ދިރާގުގެ އަމާޒަކީ 2015ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ މީހުން ދިރި އުޅޭ ހުރިހާ ރައްތަކަކަށް ދިރާގު ތްރީޖީ ހިދުމަތް ދިނުން ކަމަށްވެސް މުއްސަދު ވިދާޅުވިއެވެ.
ދިރާގު ބްރޯޑްބޭންޑުގެ ހިދުމަތް މިއަދު ފޯރުކޮށްދޭން ފަށާފައިވާ ރަށްތަކުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ހަނިމާދޫ، އދ. ދިގުރަށް، ބ. ގޮއިދޫ، ބ. ހިތާދޫ، ދ. މާއެނބޫދޫ، ދ. ހުޅުދެލި، ފ. ބިލަތްދޫ، ހއ. ވަށަފަރާއި ކ. ދިއްފުށި ހިމެނެ އެވެ. އަދި ހދ. ފިނޭ، ހދ. ނޭކުރެދޫ، މ. ރަތްމަންދޫ، މ. ދިއްގަރު، ރ. މާކުރަތު، ށ. ބިލެއްފަހި، ށ. ނަރުދޫ، ތ. ކަނޑޫދޫ، ތ. ބުރުނި، ވ. ރަކީދޫ އަދި ވ.ފުލިދޫ ވެސް ހިމެނެ އެވެ.
ދިރާގަކީ ރާއްޖޭގެ އާބާދީގެ 96%ށް ވުރު ގިނަބަޔަކަށް އެންމެ ބޮޑު 3G/4G LTE ނެޓްވޯރކް މެދުވެރިކޮށް ބްރޯޑްބޭންޑް ހިދުމަތް ދެމުންގެންދާ ކުންފުންޏެކެވެ.