ކުޅުދުއްފުށީގައި މިމަހު 26 ން 27 އަށް ފަންނާނުގެ ނަމުގައި ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކަން އިންތިޒާމް ކުރާ ފަރާތުން ބުނެފި އެވެ.
މި ޝޯ އިންތިޒާމް ކުރުމުގައި އިސްކޮށްއުޅޭ އިބްރާހިމް މުހައްމަދު މިނޫހަށް މައުލޫމާތު ފެމުން ބުނީ މި ޝޯއަކީ ކުޅުދުއްފުށީ ޑީ.އެލް.ޑީ މިއުޒިކް ބޭންޑާއި ދައްސޫރަ ބޮޑުބެރު ގްރޫޕް އަދި އެހެންވެސް ފަންނާނުން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއުޒިކް ޝޯއެއް ކަމަށެވެ.
މި ޝޯގައި މިހާރު ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައި ތިބި ބޭންޑްތައް ފެނިގެންދާނެ ކަމަށާއި އޭގެ އިތުރުން މީގެ ކުރިން ސްޓޭޖް ޝޯތަކުން ފެނިފައިވާ އެހެންނަމަ މިހާރު އެބޭފުޅުންގެ ހަރަކާތްތައް ނުފެންނަތާ ގިނަދުވަސްތަކެއް ވެފައިވާ ފަންނާނުންވެސް މި ފަހަރުގެ މިޝޯގައި ފެނިގެންދާނެ ކަމަށް އިބްރާހިމް ބުންޏެވެ.
ބޮޑުބެރާއި، ލަވައާއި، ޑާންސް، އަދި ޑްރާމާއާއި އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޝޯގެ ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ކުޅުދުއްފުށީގެ މިއުޒިކް ބޭންޑްތަކާއި ގްރޫޕްތަކުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުންކަމަށާއި އަދި މިޝޯގައި ލިބޭ ފައިދާގެ 10 ޕަސެންޓް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގެ 2 ޕްރީ ސްކޫލަށް ކަމަށްވެސް އިބްރާހިމް ހާމަ ކުރިއެވެ.
ބޮޑެތި މީހުންނަށް ހާއްސަ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 26 އަދި 27 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ. އަދި ކުޑަކުދިންނަށް ހާއްސަ ޝޯ ކުރިއަށް ދާނީ 27 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ. ބޮޑެތި މީހުންގެ ޝޯގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 25 ރުފިޔާއަށެވެ. އަދި ކުޑަކުދިންގެ ޝޯގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 20 ރުފިޔާއަށެވެ.
މި ޝޯގެ ޓިކެޓް މާރޗް 22 ފެށިގެން ޓޫ އެޗް ޓޫ ފިހާރައިން ލިބެން ހުންނާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެ އެވެ.