twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަހަރެމެންނަށް ފެން ބޭނުން ކުރެވެނީ އެންމެ ރައްކާތެރިގޮތުގަ ބާ؟

Mar 22, 2015

ފެނަކީ ދިރިހުރުމުގެ އަސްލެވެ. ދިރުން ލެއްވި ކޮންމެ އެއްޗަކަށް ފެނުގެ ބޭނުންޖެހެއެވެ. އިންސާނުން ދިރިތިބުމަށްޓަކައި ފެން ބޭނުންވާއިރު، އެ ފެނަކީ ސާފުތާހިރު ފެނަކަށް ވުމީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބުއިމުގެ އިތުރުން ސާފުތާހިރުވާން ބޭނުންކުރާ ފެނަކީ ވެސް އޭގައި ޖަރާސީމު ނެތް ސާފު ފެނަކަށް ވާންޖެހެއެވެ.

ރާއްޖޭގައި އާއްމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ވާރޭ ފެނާއި ބިމުގެ އަޑިން ނަގާ ފެނުގެ އިތުރުން ޑީސެލިނޭޓް ކޮށްފައި ހުންނަ ފެނެވެ. އޭގެ ޒާތުގައި މީގެތެރެއިން ކޮންމެ ބާވަތެއްގެ ފެނަކީ ވެސް ހަމަ ރަނގަޅު ފެނެކެވެ. އެހެންނަމަވެސް، ސާފު ކަމެއް ނެތް ނަޖިސް އެކުލެވިފައިވާ ފެން ދެނެގަތުމަކީ އަމިއްލަ ފަރުދުންގެ ފެންވަރުގައި ފަސޭހަކަމަކަށް ނުވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ.

ކުޅުދުއްފުށީގައި ވެސް މި ދެންނެވި ގޮތަށް މިހާރު ގިނައިން ބޭނުންކުރަމުން އަންނަނީ ބިމުގެ އަޑިން ނަގާ ފެނާއި ވާރޭ ފެނެވެ. ނަމަވެސް ފެންވެރުމަށާއި ރީތިވުމަށް ހުރިހާ ގެއެއްގައިހެން ބޭނުން ކުރަމުން އަންނަނީ ބިމުގެ އަޑިން ނަގާ ފެނެވެ. މީގެ އަހަރުތަކެއް ކުރިން، ކުޅުދުއްފުށީގެ ބިމުގެ އަޑިން ނަގާ ފެނަކީ “މީރު” ސާފު ފެނެކެވެ. ފެންވެރުމަށާއި ކެއުމަށް ބޭނުންކުރާ ތަށި ދޮވުމަށާއި ގިނަ ބޭނުން ތަކެއްގައި މިހާރުވެސް ބިމުގެ އަޑިން ނަގާ ފެން ބޭނުން ކުރެއެވެ. ނަމަވެސް ރަށުގެ އާބާދީ އިތުރުވެ، ބިމުގެ އަޑިއަށް ބޭރުކުރާ ނަޖިހުގެ އަދަދު އިތުރުވުމާ ގުޅިގެން ސެޕްޓިކް ޓޭންކުން ބޭރުވާ ފެނާއި ވަޅުފެން އެކުވެ ފެނުގެެ ވަސް ނުބައިވެ ފެނުގައި ޖަރާސީމު އުފެދޭ ގޮތް ދިމާވެއެވެ.

ކުރިން ދެންނެވިހެން ކުޅުދުއްފުށީގައި މިހާރު ބުއިމަށް އާންމުގޮތެއްގައި ބޭނުންކުރަނީ ވާރޭ ފެނެެވެ. ވާރޭ ފެނަކީ އޭގެ ޒާތުގައި ރަނގަޅު ފެނެއް ކަމަ ށް ވީނަމަވެސް ވާރޭފެން ނެގުމުގައި ވަރަށް ބޮޑަށް ސަމާލުކަން ނުދީފިނަމަ އެ ފެނަކީ ރައްކާތެރި ފެނެއްކަމަށް ނުބެލެވޭނެ އެވެ. ވާރޭ ފެން ނަގަން ބޭނުންކުރާ ފުރާޅާއި ފެން ރައްކާކުރާ ތާންގީ ނުވަތަ ހަމާއި ފެން ނެގުމަށް ބޭނުންކުރާ ހޮޅީގެ އެތެރެއަކީ، ފެން ނަގާ ކޮންމެ ފަހަރަކު ޖަރާސީމު ފިލުވޭ ވަރަށް ސާފުކުރެވޭ އެއްޗިއްސެއް ނޫނެވެ. ކޮންމެ އަހަރެއްގައި ވެސް ވިއްސާރަ މޫސުމުގައި ކުޅުދުއްފުށިން ނަގާ ވާރޭ ފެނުގައި “ކަޅުކުލަ” ހުރުމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައެވެ. ކެމިކަލާއި ގޭހާއި ޖައްވުގެ ތެރޭގައި ހިމެނޭ ނުސާފު ކުނިބުނިތަކަކީ ވާރޭ ފެން ނަގާއިރު އެއިން ސަލާމަތް ވާން އުނދަގޫ ތަކެއްޗެވެ.

އިސްވެ ދެންނެވި ދެ ގޮތަކަށް ނަގާ ފެނުގެ އިތުރުން، މިހާރު ޑީސެލިނޭޓް ކޮށްފައިހުންނަ ފެން ކޮންމެ ގެއަކުން ވެސް ލިބޭގޮތަށް ވަނީ ހަދާފައެވެ. ރާއްޖޭގެ ގައުމީ ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ގޭގެއަށް ލާފައިހުރި ފެން ހޮޅިތަކުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގަބޫލުކުރާ މިންގަނޑަށް ފެތޭ ނުވަތަ އެ ކޮލިޓީގައި ފެން ލިބެން ހުރެއެވެ. އެ ފެނަކީ ބުއިމަށް ބޭނުންކުރެވޭ ފެންވަރަށް ތައްޔާރުކޮށްފައި ހުންނަ ފެނެކެވެ. ވާރޭ ފެނާއި ވަޅުފެން ރައްކާކުރަން ބޮޑު ޖާގައެއް ބޭނުންވިނަމަވެސް، ކުޅުދުއްފުށީގައި ދޫކުރާ ޑީސެލިނޭޓަޑް ފެނަކީ ގޭގެއަށް ހޮޅިއަޅައިގެން ދޫކޮށްފައި ހުންނަ ފެނަކަށް ވާތީ އެ ފެން ރައްކާކުރަން ޖާގައެއް ބޭނުމެއް ނުވާނެއެވެ .

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355