މިއަހަރުވެސް ކުޅުދުއްފުށީގައި އާރތް އަވާރ ކުލަގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ކުޅުދުއްފުށީގައި މިހަރަކާތް މިއަހަރު ހިންގާ ޖަލާލުއްދީން ސްކޫލްގެ އިކޯ ކުލަބުން ބުނެފިއެވެ.
އިކޯ ކުލަބުން ބުނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 8:30 ން 9:45 ށް އާރތް އަވާރގެ ހަރަކާތްތައް ޖަލާލުއްދީން ސްކޫލް ކުރިމަތީ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު ވެސް މިސްގާލްގެ ބޮޑުބެރު ހަރަކާތްތައް އެސަރަހައްދުން ފެނިގެން ދާނެ ކަމަށް އެ ކުލަބުން ބުނެ އެވެ.
ބޮޑުބެރުގެ އިތުރުން ޖަލާލުއްދީން ސްކޫލްގެ 12ގެ ދަރިވަރުންތަކެއް ހުށައަޅައިދޭ އަލިފާނުގެ ކުޅިވަރުތަކެއް އެ ރޭ ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޯ ކުލަބުން ބުނެ އެވެ. މި އަލިފާނުގެ ކުޅިވަރުތަކަކީ ޖަލާލުއްދީން ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަހަރު ބޭއްވި ޓެލެންޓް ޝޯވގައި ދައްކާލާފައިވާ ހުނަރުތަކެކެވެ. މި ކުޅިވަރަށް ސްކޫލްގެ ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު ކުޅުދުއްފުށީގައި ސްކޫލެއްގެ ދަރިވަރުން އާންމުކޮށް އަލިފާނުގެ ކުޅިވަރުތަކެއް ހުށައަޅައިދޭ މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ އަހަރު އާރޓް އަވާރ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން
އިކޯ ކުލަބުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ރައްޔިތުންގެ ތަރުހީބު މި ހަރަކާތަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ޖަލާލުއްދީން ސްކޫލް ކުރިމަތީ ހިންގާ ހަރަކާތުގައިވެސް ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި ކުޅުދުއްފުށީ ކައުންސިލުން މި ހަރަކާތަށް ވެދެއްވާ އެއްބާރުލުމަށް އެ ފަރާތަށް ޝުކުރުއަދާކުރާ ކަމަށްވެސް އެ ކުލަބުން ބުނެއެވެ.
މިއަހަރު އާރތް އަވާރ ފާހަގަ ކުރުމުގެ ގޮތުން ޕްރޮމޯޝަނަލް ހަރަކާތްތެއްގެ ގޮތުގައި 28 ވާ ހޮނިހިރު ދުވަހުގެ ހަވީރު ބައިސިކަލް ބުރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޯ ކުލަބުން ބުނެ އެެވެ. މި ބައިސިކަލް ބުރަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތަކަށްވާއިރު މި ބައިސިކަލް ބުރުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެ ކުލަބުގެ އެދުމެކެވެ.
ހޮނިހިރު ދުވަހުގެ ރޭ އާރތް އަވާރ ފާހަގަ ކުރާ އެއްގަޑިއިރުގެ ތެރޭގައި ވީހާވެސް މަދުން ކަރަންޓު ބޭނުން ކުރުމަށް އެފަރާތުން އިލްތިމާސް ކުރެ އެވެ.
މިދިޔަ އަހަރު އާރތް އަވާރ ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހިންގި ހަރަކާތަށް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. އަދި އެ އެއްގަޑިއިރުގެ ތެރޭގައި އާއްމުކޮށް ކަރަންޓު ބޭނުންކުރާ ވަރަށްވުރެ 122 ކިލޯވޯޓުގެ ކަރަންޓު ދަށްކުރެވިފައިވެ އެވެ. އަދި 2013 ވަނަ އަހަރު 89 ކިލޯވޯޓުގެ ކަރަންޓު ދަށްކުރެވިފައިވެ އެވެ.
އަރތް އަވާރ އަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކާ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ވޯލްޑް ވައިލްޑް ލައިފް ފަންޑާއި އާރތް އަވާރ ފައުންޑޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.
މިއީ ކުޅުދުއްފުށީގައި މި ހަރަކާތް މެދުކެނޑުމެއްނެތި ބާއްވާތާ ތިން ވަނަ އަހަރެވެ. 2013 ވަނަ މި ހަރަކާތް ރަސްމީ ބޯޅަދަނޑުގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަރަކާތް ބާއްވާފައިވަނީ ހިއްކި ސަރަހައްދުގަ އެވެ. މި ދެ އަހަރުވެސް މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.