ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ޖިސްމާނީ އަނިޔާކޮށްގެން އެކުއްޖާގެ މަންމަ އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހދ.ކުރިނބީން ހަތަރު އަހަރުގެ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރާކަމުގެ ތުހުމަތުގައި އުމުރުން 39 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ކުރިނބީ ވާހަކަ ދެއްކި މީހުން “ކުޅުދުއްފުށި އޮންލައިނަށް ” ބުނީ ހައްޔަރުކުރި އަންހެން މީހަކީ ސ. ހިތަދޫ މީހެއްކަމަށެވެ. އެ އަންހެން މީހާ ކުރިނބީއަށް ގެންނެސްގެން އުޅެނީ އޭނާގެ އާއިލާ މީހަކު، އެ އަންހެން މީހާގެ އަމިއްލަ ރަށުގައި ބޯހިޔާވަހި ކަމެއް ނެތި މަގުމަތިވެފައިވަނިކޮށް ކަމަށެވެ.
“ކުޅުދުއްފުށި އޮންލައިނަށް” އެންގިފައިވާ ގޮތުގައި އޭނާ ކުރިނބީއަށް އައިސް އުޅެނީ އޭނާގެ ހަގު ދަރިފުޅު އެހެން ބަޔަކަށް ހަވާލުކުރުމަށް ފަހު އެވެ. އަދި މި އަންހެން މީހާ އަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށް ވެސް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވެ އެވެ.
އަންހެން މީހާގެ ހަތަރު އަހަރުގެ ދަރިފުޅު މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުއެވެ.
މި އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ހުއްދަ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް ވަނީ ދީފަ އެވެ.