ހދ އަތޮޅަށް ހާއްސަ ކޮށްގެން ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދި ޗައިނާގެ ސަން ޔަޓް ސެން ޔުނިވަރސިޓީއަށް ހދ އަތޮޅު ކައުންސިލުން ޕްރޮޕޯސަލެއް ހުށައަޅައިފިއެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ރަޝީދު ވިދާޅުވީ އިއްޔެ އެ ޔުނިވަރސިޓީގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި އެ ޕްރޮޕޯސަލް ހަވާލުކޮށްފައިވާނީ ތުނިވަރސިޓީގެ ޑީން ޒިޔާއޯ ބިން އާ ކަމަށެވެ.
ޕްރޮޕޯސަލްގައި އެދިފައިވާނީ ހދ އަތޮޅަށް ހާއްސަކޮށްގެން ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ ޕްރޮޕޯސަލް ޑީން ގަބޫލުކޮށްފައިވާއިރު ޑީން ވިދާޅުވެފައިވަނީ އެ ޕްރޮޕޯސަލް މިނިސްޓަރީ އޮފް ކޮމާސް އަށް ރަސްމީކޮށް ޔުނިވަރސިޓީގެ ފަރާތުން ހުށައަޅާނަ ކަމަށެވެ. އަދި ޔުނިވަރސިޓީގައި ހުރި ފުރުސަތުތައް ތަނަވަސްކޮށް ދެއްވާނެ ވާހަކަވެސް ވިދާޅުވި ކަމަށް އިބްރާހިމް މައުލޫމާތު ދެއްވިއެވެ.
ނުރަސްމީ ދަތުރެއްގައި ޗައިނާއަށް ދުރުވެ ހުރެ ހދ އަތޮޅަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަތޮޅު ކައުންސިލްގެ ޑީޖީ ޕްރޮޕޯސަލެއް ހުށައަޅާފައިވާއިރު ސަން ޔަޓް ސެން ޔުނިވަރސިޓީގައި އިބްރާހިމް ރަޝީދު މާސްޓާސް ހެއްދެވި ޔުނިވަރސިޓީކަން ފާހަގަކޮށްލެވެއެވެ.
ޕްރޮޕޯސަލް ހުށައެޅުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން–ފޮޓޯ: އިބްރާހިމް ރަޝީދު
ހދ އަތޮޅުގެ ޒުވާނުންނަށް ތައުލީމާ ތަމްރީނު ހޯދުމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ހދ އަތޮޅު ކައުންސިލުން ޗައިނާގެ ސަފީރު ވާން ފޫކާންއާ މިދިޔަ ޖެނުއަރީ މަހު ބައްދަލުކުރައްވާފައިވެ އެވެ. އަދި އެ ބައްދަލުވުމުގެ ޗައިނާގެ ސަރުކާރަށް ޕްރޮޕޯސަލެއް ވެސް ހުށައަޅާފައިވެއެވެ.
ހދ އަތޮޅު ކައުންސިލުން މިހާރު ގެންގުޅޭ ތައުލީމީ ސިޔާސަތުގެ ދަށުން އަތޮޅު ކައުންސިލުން މިހާރު ވަނީ ގިނަ ސްކޮލަރޝިޕްތަކެއް ހޯދާފަ އެވެ. އަދި އަތޮޅުގެ މީހުން ބިނާކުރުމުގެ މަސައްކަތަކީ އަތޮޅު ކައުންސިލުން މުހިއްމުކަމެއް ދީގެން ކުރާކަމެއް ކަމަށް އަތޮޅު ކައުންސިލްގެ ރައީސް އާދަމް ނާސިރި ވިދާޅުވެފައިވެއެވެ.