ކުޅުދުއްފުށީގައި ވަރަށް ފޯރިއާއެކު މިއަހަރުގެ އާރތް އަވާރ ފާހަގަކޮށްފި އެވެ.
ކުޅުދުއްފުށީގައި ރޭ އާރތް އަވާރ ފާހަގަ ކޮށްފައި ވަނީ ޖަލާލުއްދީން ސްކޫލްގެ އިކޯ ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ރޭ ޖަލާލުއްދީން ސްކޫލް ކުރިމަތީ އަމީނީ މަގު ގައެވެ. އަދި ކުޅުދުއްފުށީގައި ރޭގަނޑު 8-10 ށް ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ.
މިހަރަކާތް ކުރިއަށްދިޔަ ވަގުތު އެތަނަށް ހާޒިރުވި ބައިވެރިން އުއްބަތި ހިފައިގެން ތިބިއިރު ކުޅުދުއްފުށީ މިސްގާލް ބޮޑުބެރު ގުރޫޕުގެ ހަރަކާތްތައް ކުރިއަށްދިޔައެވެ. އަދި ޖަލާލުއްދީން ސްކޫލު ދަރިވަރުންގެ އަލިފާނުގެ ކުޅިވަރުތަކެއް ދައްކާލިއެވެ. މިއީ ކުޅުދުއްފުށީގައި އަލިފާނުގެ ކުޅިވަރުތަކެއް ދައްކާލި ފުރަތަމަ ފަހަރެވެ. އަދި ރޭ “ފަޔާރ ފްރީކްސް”ގެ ނަމުގައި މި ގުރޫޕް ތައާރަފުކޮށްފައިވާއިރު މި ގްރޫޕްގެ ގިނަ ޝޯވތަކެއް ފެނިގެންދިއުމަކީ ގިނަ ބައެއްގެ އުއްމީދެކެވެ.
މިރޭ 8:30 އިން 9:45 އަށް ނިޔަލަށް ކުރިއަށްދިޔަ މި ހަރަކާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝުއޫރު ފާޅުކުރުންވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. އޭގެތެރޭގައި ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން ހިމެނެއެވެ. އަދި މި ހަރަކާތުގައި ޝުއުރޫ ފާޅުކުރަމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދު ވަނީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނާމެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.
އިކޯ ކުލަބުން ބުނީ މި ހަރަކާތް ފުރިހަމައަށް ކުރިއަށްގެންދިޔުމަށް ސްޕޮންސަރުން ދެއްވި ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި އެކިގޮތްގޮތުން ވެދެއްވި އެހީތެރިކަމަށް ކުޅުދުއްފުށީ ކައުންސިލަށާއި ރެޑް ކްރެސެންޓާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް އިކޯ ކުލަބުން ވަނީ ޝުކުރު އަދާކޮށްފައި އެވެ. އޭގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށާއި މިސްގާލް ބޮޑުބެރު ގުރޫޕްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އެ ކުލަބުން ބުނެއެވެ.
މިއަހަރުގެ އާރތް އަވަރގެ ޝިއާރަކީ “ޔޫސް ޔުއަރ ޕަވާރ” އެވެ. އަރތް އަވާރ އަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކާ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ވޯލްޑް ވައިލްޑް ލައިފް ފަންޑާއި އާރތް އަވާރ ފައުންޑޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ.
މިއީ ކުޅުދުއްފުށީގައި މި ހަރަކާތް މެދުކެނޑުމެއްނެތި ބޭއްވި ތިން ވަނަ އަހަރެވެ. 2013 ވަނަ މި ހަރަކާތް ރަސްމީ ބޯޅަދަނޑުގައި ބާއްވާފައިވާއިރު މިދިޔަ އަހަރު މި ހަރަކާތް ބާއްވާފައިވަނީ ހިއްކި ސަރަހައްދުގަ އެވެ. އެ ދެ އަހަރުވެސް މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މި އަހަރުވެސް ވަނީ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައެވެ.