ކުޅުދުއްފުށީ ރައްޔިތުން ސުލްހައަށް ލޯބިކޮށް މަޑުމަޑުން ތިބެއްޖެނަމަ ކުޅުދުއްފުށީ ދާނީ ފަހަތަށް ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ތިލަދެކުނު ސިނަމާގައި ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ ކުޅުދުއްފުއްޓަކީ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވެފައިވާ އެންމެ ގިނަ ކަންތައްތައް ހުރީ ކުޅުދުއްފުށީގައި ކަމަށް ގަބޫލުކޮށްގެން ތިބެފިނަމަ ކައިރީގައިހުރި އެހެން ރަށްތައް ކުރިއަރައިގެންދާއިރު ކުޅުދުއްފުށީ ދާނީ ފަހަތަށް ކަމަށެވެ.
އޭނާ އާދަމް ޝަރީފް ވިދާޅުވީ ކުޅުދުއްފުއްޓަކީ ސުލްހައަށް ލޯބިކުރާ ސުލްހަވެރި ރައްޔިތަކު އުޅޭ ރަށެއް ކަމަށާއި އެހެންނަމަވެސް މި މުޖުތަމައުއަށް މިއަންނަ ބަދަލުތަކާމެދު ފުންކޮށް ވިސްނާ އެޅެންހުރި ފިޔަވަޅުތައް އެޅަންޖެހޭ ކަމަށެވެ.
“އަޅުގަނޑު ގަބޫލެއް ނުކުރަން ސަރުކާރުން އެއްވެސް ސަރުކާރަކުން ވަކި މި ސަރުކާރަކުން ނޫން އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންގެ ހައްގު ހޯދުމަށް ނިކުމެގެން އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން އެއްޗެއްތޯ ގަނޫނު އަސާސީ އާއި ގަނޫނުތަކާއި ގަވާއިދުތައް ލިބިދެނީ ކޮން ހައްގުތަކެއްތޯ ބަލާ އެ ހޯދުމަށް އަމަލާ ބަހުން މަސައްކަތް ކުރަންޖެހޭނެ. ނޫނީ އެ އަޅުގަނޑުމެންނަށް ނުލިބޭނެކަން ޔަގީން.” އާދަމް ޝަރީފް ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ސަރުކާރުން ދޫކޮށްފައިވާ ކަރަންޓް ސަބްސިޑީޒް ކަނޑާލުމާ ގުޅިގެން އެކަމާއި ކަންބޮޑުވެ، އެކަމަށް މަޝްވަރާކުރުމަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ގުޅިގެން އުފައްދާފައިވާ ސްޓެއަރިން ކޮމެޓީގެ މެންބަރެއްގެ ހައިސިޔަތުން އާދަމް ޝަރީފް ވިދާޅުވީ ސަބްސިޑީޒްގެ މައްސަލައަށް ހެޔޮ ނަތީޖާއެއް މުޅި ހދ އަތޮޅުގެ ރައްޔިތުންނަށް ހޯދައިނުދެވެނީސް ގެއަށް ނުވަންނާނެ ކަމަށެވެ.